އަލައިކާ ދެއްވީ އާއިލާތައް ތަރައްގީކޮށްގެން މާލެ ސިޓީއަށް ތަރައްގީ ގެނެވޭނެ ކަމުގެ ޔަގީންކަން!

ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން އެ މަގާމަށް ކުރިމަތިލެއްވީ އާއިލާއެއް ބަދަހިކޮށް ބޭއްވުމަށް އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލް ކުރަމުންދާ ކަންކަމަށް ނަޒަރިއްޔާތު ހިންގާ، މާލެ ސިޓީ ތަރައްގީކުރުމަށް އެންމެ އިސްކަންދޭ ކަންކަން ކަމަށް އެކަން ހަދައި، އަމަލީގޮތުން ނަތީޖާ ނެރެދެވޭނެ އަޒުމާއި ހިތްވަރު ހުންނެވީތީ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
އަލައިކާ މިފަދައިން ވިދާޅުވީ އެކަމަނާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އަލައިކާ ވިދާޅުވީ އެކަމަނާގެ ކެމްޕެއިނުގެ މައިގަނޑު ޝިއާރަކީ ”ބަދަހި އާއިލާ“ ކަމަށްވާއިރު، ގައުމެއް ބިނާކުރުމާއި ގައުމެއް ތަރައްގީވުމުގެ އެންމެ މުހިންމު އެއް ކަމަކީ އެ ގައުމެއްގެ މުޖުތަމައުތަކާއި އާއިލާތައް ތަރައްގީވުން ކަމަށެވެ. އަލައިކާ ވިދާޅުވީ އާއިލާތައް ތަރައްގީވާނީ އާއިލީ ގުޅުން ބަދަހިވެގެން ކަމަށާއި، އެ ގުޅުން ބަދަހިކުރުމަށް ބައްޕައެކޭ އެއްފަދައިން އިސް ދައުރެއް އަދާކުރަނީ މަންމައިންނާއި ގޭގައި އުޅޭ އަންހެނުން ކަމަށެވެ.
އަލައިކާ ވިދާޅުވީ މިކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހާއްސަ އިސްކަމެއް ދެއްވާކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން މި ކެމްޕެއިނުގައި ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައިވެސް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާއިރު، މިކަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ފާހަގަކުރެއްވޭ ކަމަށް އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވީ ބަދަހި އާއިލާގެ ޝިއާރު ހާސިލްކުރުމަށް އެންމެ ބޮޑު އަމާޒެއްކަމުގައި ހިފަނީ ދިރިއުޅޭނެ ޖާގަތައް ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާލެ ސިޓީގެ އާއިލާތަކުން ތަހައްމަލުކުރަމުން އަންނަ ތޮއްޖެހުން ކުޑަކުރުމަށާއި އާއިލާތަކަށް ހިތްހަމަޖެހުން ގެނައުމަށް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް އާއިލީ މައިޒާންތައް ގާއިމްކުރުމަށް ކަމަށް އަލައިކާ ވިދާޅުވިއެވެ. އަދި މަގުތަކަކީ ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ތަނަކަށް ހެދުމަށް މާލޭގެ މޭޔަރާއެކު މަސައްކަތް ކުރައްވާނެ ކަމަށް އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އަޅާލުމަށް ދޭން އެ ފަރާތްތަކަށް ހާއްސަ ފެސިލިޓީއެއް ގާއިމްކުރައްވާނެ ކަމަށާއި، މި މަރުކަޒުތަކުގައި، ބޮޑެތި ބަލިތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލު އަހުވާލު ފަސޭހައިން ބެލޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށެވެ. އަދި ވަޒީފާއަށްދާ މައިންބަފައިންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ޗައިލްޑްކެއާ އަދި އާފްޓާ ސްކޫލް ޕްރޮގްރާމްތަކެއް ކަމާ ގުޅުންހުރި ވުޒާރާތަކާއި އެކީ ގާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވީ ފުދުންތެރިކަން އިތުރުކުރުމަށް ވެސް އެކަމަނާ އަމާޒު ހިއްޕަވާފައިވާ ކަމަށާއި، އެކަން ފަހިކުރުމަށް އަންހެނުންގެ ކޯޕަރޭޓިވްތަކެއް އުފައްދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރިމޯޓް ވޯކް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކޮށް، އެގޮތަށް މަސައްކަތް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވީ މިކަންކަން ފަހިކުރުމަށްޓަކައި އޮތީ ވަރަށް އެއްބާރުލުންދޭނެ ކަމަށާއި، މިކަންކަން ހާސިލްކުރެވޭނެ ކަން ވަރަސް ބޮޑަށް ޔަގީންވާ ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ