ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ތެރެއިން %60 މީހުން އެކަމަށް ނޫނެކޭ ބުނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ވަނީ ބިލު ތަސްދީގުކުރަން ފޮނުވާފަ އެވެ.
އަދި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލުހުރި ގޮތެއް ބެލުމަށް އަންނަ މަހުގެ 4ގައި ވޯޓެއް ނެގުމަށް ވަނީ ނިންމާފަ އެވެ.
ތަފްސީލު - ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް ސޯލިހު ވަނީ އެ ވޯޓުގެ ނަތީޖާ ނުކުންނާ ގޮތާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ.
'ހޭވައްލާ ތައްޔާރު'ގެ ނަމުގައި މިިރޭ ފުވައްމުލަކު ސްޓޭޑިއަމްގައި ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވިގޮތުގައި، އެ މަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުތަކުން ފެނިވަޑައިގަތީ، ވޯޓުލާ %60 މީހުން، އެ ވޯޓަށް ނޫނެކޭ ބުނާނެ ކަމެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެ ވޯޓަށް އާނއެކޭ ބުނެގެން ރައްޔިތުންގެ އަތުން ގެއްލޭނެ އެންމެ ބޮޑު އެކައްޗަކީ ބަސް ބުނުމުގެ ބާރެވެ.
ސޯލިހު ވިދާޅުވީ:
ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ވީހާ ވެސް ފުޅާކޮށް އޮންނަން ޖެހޭނެ ކަމަށް
ސަރުކާރާ އެއްކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރެވޭނެތޯ ސުވާލު އުފެއްދެވި
އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ ބާރު ލިބިއްޖެ ނަމަ ކުރާނެހާ ވެސް ކަމަކީ "ރެ އާއި ދުވާލު ނިޒާމުތައް ފުނޑުފުނޑުކޮށް،" "ބާރުތައް ޖަމާކުރުން"
"ހަމައެކަނި މި ސަރުކާރާ ދޭތެރޭގައި ޖަވާބުދާރީ ކުރެވެން އޮތް ގޮތަކީ ރައްޔިތުންގެ އަތްމައްޗަށް މި އަރާ ކަރުދާސްކޮޅު. އެކަން އެ ހުއްޓުވީ،" ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ނިޔަތް، އެއްވެސް ހާލެއްގައި ނެތް ކަމަށެވެ. ހަރަދު ކުޑަކުރަން ބޭނުން ނަމަ ސިޔާސީ ވަޒީފާތައް ދިނުމާއި ކުންފުނިތަކަށް ކުރާ ހަރަދުތައް ހުއްޓާލެވުނީސް ކަމަށް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ:
ސަރުކާރެއްގައި އަބަދުވެސް އެތައް ބާރުތަކެއް އޮންނާނެ ކަމަށް
އެކަމަކު އެ ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރެވޭނީ، އެކަން ކުރަން ތިބި ބަޔަކަށް ކަމަށް. މިސާލެއްގެ ގޮތުން ނެންގެވީ، ވަޒީފާ ދިނުމާއި ފައިސާ ބެހުމާއި ޕްރޮޖެކްޓުތައް އިއުލާން ކުރުމާއި ބިންގާ އެޅުން
"މިއަދު މި ފެންނަނީ އެ ކަންތައްތައް. އެހެންވީމާ، މި ސަބަބުތަކަށް އެކަނި ވެސް އެބަޖެހޭ ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން،" ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ބަސްބުނުމުގެ ބާރަށްޓަކައި އަދި ހެޔޮވެރިކަމެއް އަލުން ގާއިމު ކުރުމަށް، އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
ސޯލިހުގެ އަންދާޒާ: ދެ އިންތިހާބު އެއްކޮށްލަން %60 ނޫނެކޭ ބުނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ