ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑީތަ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލުކުރުމަށްޓަކައި ރައްޔިތުންގެ
މަޖިލީހުގެ މެންބަރުން ގުނާ އަދަދު ބަދަލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް
އިދިކޮޅު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން
އުޅުނު ހުށަހެޅުމުގައި ދުސްތޫރީ މައްސަލަތަކެއް ފާހަގަކޮށް އެކަން ހުއްޓުވައިދޭން ބަންޑާރަ
ނާއިބް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ވަކިގޮތަކަށް އަމުރު
ނެރެފައިވަނިކޮށް އަމުރަށް ތަބާނުވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު އަސްލަމް މަޖިލީހުގައި އިއުލާންކޮށް އަދި ސުޕްރީމް ކޯޓުގެ އަމުރާއި
ޚިލާފަށް މަޖިލީހުން ނިންމުމެއް ނިންމުމުން އެއީ މިއަދު ބަހުސްކުރަންޖެހޭ ކަމަކަށް
ވެގެންގޮސްފިއެވެ.
ދުސްތޫރީ
މައްސަލަތަކުގައި އެންމެ ފަހުބަސް ބުނުމުގެ އިޚްތިޔާރު ގާނޫން އަސާސީ މުތުލަގުކޮށް
ދީފައިވަނީ ސުޕްރީމްކޯޓަށެވެ.
ގާނޫން އަސާސީއަށް ބަދަލުނުގެނެސް އެބާރަކާއި
ރައްޔިތުންގެ މަޖިލީހަކަސް އަދި ވެރިކަން ހިންގުމުގެ ބާރުކަމުގައިވިޔަސް ނުކުޅެވޭނެއެވެ.
މިފަދަ މައްސަލަތަކުގައި ސުޕްރީމްކޯޓްގެ ނިންމުމަށް ފާޅުގައި ގޮންޖަހައި ދެކޮޅު
ހަދައިފިއްޔާ އޮތީ ކޮންގޮތެއްތޯއެވެ.
Advertisement
ގާނޫން
އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ދީފައިވެއެވެ. މަޖިލީހުގެތެރޭގައި
ހިނގާ ކަމެއްގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާގޮތަށް ވާހަކަދައްކައި އުޅުމުގެ
ދުސްތޫރީ މިނިވަންކަމެއް ދެވިފައި އޮވެއެވެ. އެކަމަކު ކޯޓުގައި ފަނޑިޔާރުކަން
ކުރައްވައި ރިޓެޔަރކުރައްވާފައިވާ ގާނޫނީދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވޮއިސްއާއި
ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހަށްވިޔަސް ހިތަކަށް ދީފައި
އޮންނަ ބާރުތަކެއް ނޫނެވެ. އެގޮތަށް ދެކޭކަމަށްވާނަމަ ދައުލަތް ހިންގުމުގެ ނިޒާމު
އޮންނާނީ ގަޑުބަޑުވެފައެވެ.
ގާނޫން
އަސާސީގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ވާހަކަ އަންނައިރު އެންމެ
އިސްކުރެވިފައި އޮންނަނީ ދައުލަތް ހިންގުމުގެ ނުވަތަ އެގްޒެކްޓިވް ޕަވަރގެ
ވާހަކައެވެ. ގާނޫން އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ އިސްފަރާތަކީ
ރައީސުލް ޖުމްހޫރިއްޔާއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި
ހުންނަ މީހެއްގެ ޝަރުތު އުނިވެއްޖެކަމަށް ނިންމުމުގެ ބާރު ގާނޫން އަސާސީން
ދީފައިވަނީ ސުޕްރީމް ކޯޓަށެވެ. ޝަރުތެއް އުނިވެއްޖެކަމަށް ސުޕްރީމް ކޯޓުން
ނިންމުމުން އެއަށް ގޮންޖަހައި އެގްޒެކްޓިވް ޕަވަރއަށްވެސް ނުކިޔަމަންތެރިވެވިދާނެއެވެ.
ހަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަމަލު ކުރެއްވި ފަދައިންނެވެ. އެކަމަކު އެއީ
ގާނޫނީ ހުކޫމަތް ހިނގާ ދައުލަތްތަކުގައި ކަންކަން ހިގާގޮތެއް ނޫނެވެ. ސުޕްރީމް
ކޯޓަށްވެސް ނަހަމަގޮތުގައި އެކޯޓުގެ ބާރުގެ ބޭނުންކޮށް ރައީސުލް ޖުމްހޫރިއްޔާ
ވައްކެއް ނުކުރެވޭނެއެވެ. ދައުލަތުގެ ކޮންމެ ބާރަކަށްވެސް ހުދޫދުތަކެއްވެއެވެ.
މިއީ
އަކީ ކޮންމެހެން މާ ގާނޫނީ ބަހުސެއް ހިންގަންޖެހޭ މައުޟޫއެއްވެސް ނޫނެވެ. ދުސްތޫރީ
މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސައްހަކަން ދެމި
އޮންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ގުނާގޮތް ގަވާއިދުގެ
އެކިމާއްދާތަކަށްލައި މަސްހުނިކުރިޔަސް ސުޕްރީމް ކޯޓުގެ އަމުރު އެކޯޓުން ބަދަލު
ނުކުރާހާ ހިނދަކު އެގޮތުގައި ދެމި އޮންނާނެއެވެ.
ދެން
އޮތީ ކޯޓުގެ އަމުރަށް ތަބާނުވެ ކޯޓުގެ ހުރުމަތް ކެނޑުމުން ނުކުންނަން އޮންނަ
ނަތީޖާއެކެވެ.
ރައްޔިތުންގެ މަޖިލީގުގެ ރައީސް ވިޔަސް ރައީސުލްޖުމްހޫރިއްޔާ
ވިޔަސް ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާނުވާނެކަމަށް ފާޅުގައި އިއުލާންކޮށްފިނަމަ
އެއީ ކޯޓްގެ ހުރުމަތް ކަނޑުން ކަމަށްބަލައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު
ކޯޓަށް ލިބިގެންވެއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުން ވަކިމުއްދަތަކަށް ޖަލުގައި
ބަންދުކުރަން ހުކުމް ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާއިރު މާދަމާވެސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޯޓުގެ ހުރުމަތް ކަނޑައިފިކަމަށް ނިންމައި
ޖަލުގައި ބަންދުކުރަން ސުޕްރީމް ކޯޓަށް އިޚްތިޔާރު ލިބިގެންވެއެވެ.
ހުކުމް
ނުކުރެވޭނެއޭ ގަބޫލު ނުކުރާނަމޭ ވިދާޅުވިޔަސް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ނުވަތަ
ޕެނިޓެންޝަރީން ބަލައި އަތުވެއްޖެނަމަ ސަލާމަތްވާން ވަންނާނެ ގޮޅިއެއް ނެތެވެ.
އޮތީ އެންމެ ގޮޅިއެކެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމާޔަތް ހޯއްދެވި
އިންޑިއާ އެމްބަސީއެވެ.
އެހެންކަމުން
ސުޕްރީމް ކޯޓަށް ގޮންޖަހައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުޅުއްވާ ޑްރާމާ
ހުއްޓަވާލައްވައި ގާނޫނީ ހުކޫމަތަށް ތަބާވާ ބަޔަކަށް ވާން އެބަޖެހެއެވެ.
ތިޔަގޮތަށް ދައުލަތުގެ ބާރުތައް ގަޑުބަޑެއް ނުކުރެވޭނެއެވެ. ސުޕްރީމް ކޯޓްގެ
ހުރުމަތް ކަނޑައި ކޯޓްގެ އަމުރަށް ތަބާނުވާކަން ދެއްކުމުން ސިފަކުރެވެނީ މެންބަރުންގެ
ކިބައިގައިވާ ނާތަހްޒީބު ކަމެވެ. ބޯހަރުކަމެވެ. ވަކަރުގޭ ކުދިންގެ އުޅުމެވެ.
ރައްޔިތުންގެ
މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލާގައި ސުޕްރީމް
ކޯޓުގެ ނިންމުން ސައްހަވިގޮތަށް މިއަދު ނިންމާފައިވާ ނިންމުންވެސް ހަމަ ސައްހަ
ނުވާންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑިކަމުގެ
މައްޗަށް ގާނޫނީ އަދަބެއް އެކޯޓުން ނުދީ އޮތުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު
އޮތްކަން ކަމަށް ހިތަށް އެރުމަކީ ވަރަށް މޮޔަ ދެކޮޅު ނުޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ