ރިޔާސީ އިންތިހާބު: ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު އުމަރު މިރޭ ގޮތެއް ނިންމަނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ޓީމުން، މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާނެ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު، އޭނާގެ ފޭސްބުކް ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގައި އޭނާއާއި އޭނާގެ "ނިއު ޑިރެކްޝަން" ޓީމުން ނިންމާ ނިންމުން އިއުލާން ކުރުން މިރޭ 9:30 ގައި ކެމްޕެއިން ސްޓޫޑީއޯގައި އޮންނާނެ ކަމަށެވެ. އެ ނިންމުން ފޭސްބުކުންނާއި ޓިކްޓޮކުން ލައިވްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އުމަރަށެވެ. އޭނާއަށް 2.87 ޕަސެންޓާއެކު 6،343 ވޯޓު ލިބިވަޑައިގަތެވެ.
އުމަރު ފިޔަވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވަނީ ދެވަނަ ބުރެއްގައި އަމަލުކުރާނެ ގޮތް ނިންމައިފައެވެ. އެގޮތުން އެންމެ މަދުން ވޯޓު ލިބިވަޑައިގަތް ހަސަން ޒަމީލް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން އާއި އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް" އިން ވަނީ ދެވަނަ ބުރެއްގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފައެވެ.
ނަމަވެސް އެމްއެންޕީން ވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައި، ޕީޕީއެމް-ޕީއެންސީއާއެކު ކޯލިޝަން އެއްްބަސްވުމެއް ހަދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ