ރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ، ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަޔަން ރުފިޔާ ފޯރުކޮށްދީފިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، އެކަމަށް ކަނޑައަޅާފައިވާ ފައިސާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއަށް އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަމުން ދަނީ، ޒަކާތު ފަންޑުގެ ދަށުންނެވެ. އެ ފައިސާ ދެނީ، 21 ފެބްރުއަރީ 2024ގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސިއްޙަތާއި ބެހޭ ވުޒާރާއާއި ދެމެދު ސޮއިކުރައްވާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ކުރިންވެސް، 2014އިން ފެށިގެން މިފަދަ ބޭނުންތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.
ތެލެސީމިއާއަކީ، މުޅި އުމުރަށް ލޭ އެޅުމާއި ޞިއްޙީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ، ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރާ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓް ކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ޤާބިލުކަން ލިބެއެވެ.
ކާމިޔާބުކަމާއެކު ބޯންމެރޯ ހެދުމުން ބަލި މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ޤަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެއެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ތެލަސީމިއާ ކުދިން ގިނަ ޤައުމަކަށް ވުމާއިއެކު، އެފަދަ ކުދިންނަށް ދޭ ޚިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދެއްވައެވެ.
ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާޓް ހެދުމަށް 2.5 މިލިޔަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ