ގިނަ އެސްއޯއީތަކުގެ މާލީ ހާލަތު ދަށް، އަސްލު ހާލަތު އެނގޭނީ އޮޑިޓް ރިޕޯޓުތައް ލިބުމުން: ނިޒާރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ދަށް ކަމަށާއި، ކުންފުނިތަކުގެ އަސްލު ހާލަތު އެނގޭނީ އޮޑިޓް ރިޕޯޓުތައް ލިބުމުން ކަމަށް، ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ. ޕީސީބީގެ އެންމެ ފުރަތަމަ ރައީސްކަން ވެސް ކުރެއްވި ނިޒާރު އެ މަގާމަށް އަލުން އައްޔަންކުރީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީން މިއަދު ނިޒާރާ އިންޓަވިއުކޮށް އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނިޒާރު ވިދާޅުވީ ސަރުކާރު ހިއްސާވާ ހައެއްކަ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓު 2002 ވަނަ އަހަރުން ފެށިގެން އަދި ނުލިބޭ ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ގިނަ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް ތައްޔާރުކޮށް ނުނިމޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ ކުރިން ހުރިހާ ކުންފުނިތަކެއްގެ އޮޑިޓް ރިޕޯޓުތައް ތައްޔާރުކޮށް ނިންމުމާމެދު އޮޑިޓަރު ޖެނެރަލްގެ އޮފީހާ މަޝްވަރާކުރައްވާފައި ވާނެ ކަމަށެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. "ކުންފުނިތަކުގެ މިހާރު ފައިނޭންޝަލް ހާލަތު ވަރަށް ދަށް އިނގޭތޯ، އަދި އޮޑިޓްތަކާ އެއްޗެހި ނިމުނީމާ އަސްލު ފައިނޭންޝަލް ހާލަތު އެނގޭނީ،" ނިޒާރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް ބައެއް ކުންފުނިތަކުގެ އެތެރޭގެ ރަނގަޅު އޮނިގަނޑެއް އެކުލަވައިލަން ޖެހޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، ފެނަކަ ފަދަ ބައެއް ކުންފުނިތަކުގެ އެތެރޭގެ ހިންގުން ދޯދިޔާކަން ފާހަގަވެފައިވާ ކަމަށެވެ. "އަޅުގަނޑު ބަލައިލިއިރު މިސާލަކަށް ފެނަކަ ކަހަލަ ކުންފުންޏެއް ނެގިޔަސް ވެސް އެތެރޭގެ އޮޕަރޭޝަންތައް ހިނގާ ގޮތް ކަމަކުނުދޭ އިނގޭތޯ. މިހާރު އެތަނުގައި ސްޓާފުން ވެސް އެބަ މައްސަލަ ޖައްސާ އެއް ޑިޕާޓްމަންޓު އަނެއް ޑިޕާޓްމަންޓާ ގުޅުމެއް ނެތް ކަމަށް، އެގްރީމެންޓެއް ހަދާއިރުގައި ލީގަލްއަށް ވެސް އޭގެ ރެފަރެންސެއް ނާންނަ ކަމާއި މިކަހަލަ ބައިވަރު ކަންކަން އެބަހުރި،" ނިޒާރު ވިދާޅުވިއެވެ. އެހެންވެ އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާ ޕީސީބީން އަންނަނީ މަޝްވަރާކުރަމުންނެވެ. ޕީސީބީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ 2024ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 1.57 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ވަކިވަކި ކުންފުނިތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ބައެއް ކުންފުނިތައް ކަމަށްވާ މަގުހަދާ ކުންފުނި އާރްޑީސީއާއި އާސަންދައަށް ލިބުނު އާމްދަނީ ވަނީ އެ ކުއާޓަރުގައި ދަށަށް ގޮސްފައެވެ. ގެއްލުމުގައި ހިންގާ ކުންފުނިތަކަށް ބަލާއިރު، އާރުޑީސީ ހިންގަނީ 130.2 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. އައިލެންޑް އޭވިއޭޝަން ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، އެ ކުންފުނި ހިންގަމުން އަންނަނީ 40.8 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. ދައުލަތުގެ ބަޖެޓަށް އާންމުކޮށް ބަރޯސާނުވާ ކުންފުނިތަކަށް ބަލައިލާއިރު، އެއާޕޯޓުތައް ހިންގާ ކުންފުނި އެމްއޭސީއެލްގެ ފައިދާ ވަނީ 2024ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 16 ޕަސެންޓު ދަށަށް ގޮސްފައެވެ. އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އެ ރިޕޯޓުން ދައްކާ ގޮތުން އެމްޓީސީސީގެ ފައިދާއެވެ. އެގޮތުން 2024ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 26.77 މިލިއަން ރުފިޔާގެ ފައިދާއެއްވީއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 13.35 މިލިއަން ރުފިޔާގެ ފައިދާއެކެވެ. ޕީސީބީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އެމްއޭސީއެލްގައި 15.6 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ