ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، އާންމު ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން.) ޕަބްލިކް ސަރވިސް ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މުޖުތަމަޢުތަކަށް ޚިދުމަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލުކުރުމަށް ބާރުއެޅުމާއި، މުޖުތަމަޢުގެ ފާގަތިކަން ކުރިއެރުވުމަށްޓަކައި އާންމު ޚިދުމަތްތެރިން، އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ހޭދަކުރައްވައި، ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސާބަސް ދެއްވާފައިވެއެވެ.
ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާންމު ޚިދުމަތްތެރިންނާއި ދަޢުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ވަމުންދާ ޤުރުބާނީއަށާއި، މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާ ޚިދުމަތަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ