އިންޑިއާގެ އިމާރާތެއްގައި ރޯވެ 15 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ލަކްނޫގެ އިމާރާތެއްގައި ހޯމަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވުމާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް އަމުރުކޮށްފި އެވެ.
އަލިފާން ރޯވި އެ އިމާރާތުގައި ޕެޓް ޝޮޕަކާއި އެނިމޭޝަން ސެންޓަރެއް ހިންގަމުން ދިޔަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނި ގޮތުގައި، އަލިފާނުން ސަލާމަތްވުމަށް ބައެއް މީހުން ކުޑަދޮރުތަކުން ފުންމާލިއިރު، އަނެއް ބައި މީހުން ވަނީ ކޭބަލްތަކުގައި އެލިގަނެގެން ތިރިއަށް ފައިބާފަ އެވެ. އަދި މީހުން ސަލާމަތް ކުރުމަށްޓަކައި ރެސްކިއު ޓީމުތަކުން ވަނީ އިމާރާތުގެ ފާރެއް ތަޅާލާފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ އިމާރާތުގައި ކުއްލި ހާލަތުގައި ނުކުމެވޭނެ ދޮރުތަކެއް (އިމަޖެންސީ އެގްޒިޓް) ނެތުމުގެ ސަބަބުން، ދުންގަނޑު ފެތުރިގެން ދިޔަ ވަގުތު ގިނަ ބަޔަކު ވަނީ އިމާރާތުގެ ތެރޭގައި ތާށިވެފަ އެވެ.
މި ހިތާމަވެރި ހާދިސާއާ އެކު، އިންޑިއާގެ ތޮއްޖެހިފައިވާ ވިޔަފާރި އިމާރާތްތަކުގެ ފަޔާ ސޭފްޓީ މިންގަނޑުތަކާ މެދު ވަނީ އަލުން ކަންބޮޑުވުން އުފެދިފަ އެވެ. މީގެ ކުރިން ހިނގި މިފަދަ ނުރައްކާތެރި ހާދިސާތަކުން އެނގިފައި ވަނީ އަލިފާނުން ރައްކާތެރިވުމުގެ ގަވާއިދުތަކާ ހިލާފުވަމުންދާކަމެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގުމުގެ ދައުވާ ފުލުހުން ވަނީ އުފުލާފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، ސަރުކާރުގެ ހަތަރު އޮފިޝަލަކު ވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ލަކްނޫގައި މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ ވެރިރަށް ދިއްލީގެ ބެޑް-އެންޑް-ބްރެކްފާސްޓް ހޮޓަލެއްގައި ރޯވެ، ބަޔަކު މަރުވި ހާދިސާއަށް މަހެއްހާ ދުވަސް ވެސް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ