ސަލާހު ހުރީ މިސްރަށް ތާރީހީ ވޯލްޑް ކަޕަކަށް ހަދައިދިނުމުގެ އުންމީދުގައި

ވެންކޫވާ، ކެނަޑާ (ޖޫން 23) - މި ފަހަރުގެ ފީފާ ވޯލްޑް ކަަޕަކީ އެތައް ޒަމާނެއް ވަންދެން މިސްރުގެ ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ފަދަ މުބާރާތަކަށް ހަދައިދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު ބުނެފި އެވެ. 
މިސްރުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، އޮތީ ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ބެލްޖިއަމާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި ނިއު ޒީލެންޑް އަތުން 3-1 އިން ވަނީ މޮޅުވެފަ އެވެ. މި ދެ މެޗުގައި ވެސް ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ބެލްޖިއަމް ކޮޅަށް މިސްރުން ލަނޑު ޖެހި އިމާމް އަޝޫރަށް ފުރުސަތު ތަނަވަސްކޮށްދިނެވެ. އަދި، ނިއު ޒީލެންޑް ކޮޅަށް މިސްރުގެ ދެ ވަނަ ލަނޑު ޖަހައިދިނުމުގެ އިތުރުން، ތިން ވަނަ ލަނޑު ޖެހި މަހުމޫދު ޓްރެޒެގޭ އަށް ފުރުސަތު ހޯދައިދިނެވެ. 
ނިއު ޒީލެންޑް އަތުން މޮޅުވި މެޗަކީ، މިސްރުން ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހޯދި ފުރަތަމަ ކާމިޔާބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަލާހު ބުނީ، އެހެން ގައުމުތަކަށް ވޯލްޑް ކަޕްގެ މެޗަކުން މޮޅުވުމަކީ އާންމު ކަމެއްގެ ގޮތުގައި ބެލެވުނު ކަމުގައި ވިޔަސް މިސްރަށް މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ. 
"އަހަރެމެންނަށް މިއީ ވަރަށް ބޮޑު ކަމެއް. އެއީ، މިއީ އަހަރެެމެންގެ ފުރަތަމަ މޮޅު ވޯލްޑް ކަޕެއްގައި. އެހެންވެ، އެންމެންގެ މޫނުމަތިން މި ހިނިތުންވުން މި ފެންނަނީ. މިއީ އަހަރެމެން އުފާފާޅުކުރަންޖެހޭ ވަގުތެއް،" ސަލާހު، 34، ބުންޏެވެ. 
އޭނާ ބުނީ، މިއީ ހަމައެކަނި އެންމެ މެޗަކުން މޮޅުވެގެން ނިންމާލައިގެން ތިބެންވީ ފަހަރެއް ނޫން ކަމަށާއި  މިސްރު ޓީމުގައި އިތުރަށް ކުރިއަށްދެވޭނެ ފެންވަރު ހުރި ކަަމަށެވެ. އެ ގޮތުން، ގްރޫޕްގެ އެއް ވަަނައިގެ ގޮތުގައި ނޮކައުޓް ބުރަށް ދިއުން އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ސަލާހު ވަނީ ފާހަގަކޮށްފަ އެވެ. 
"އަހަރެމެންނަށް ތާރީހުގައި ލިޔެވޭ ކާމިޔާބެއް ހޯދިދާނެ މި ގްރޫޕްގެ އެއް ވަނަ ހޯދައިގެން ނޮކައުޓް ބުރަށް ގޮސްގެން. އެއީ އެތައް އަހަރެއް ވަންދެން މިސްރުން އުފަލުން ދައްކާނެ ވާހަކަ އަކަށް ވާނެ،" ސަލާހު ބުންޏެވެ. 
"މިއީ މުޅި މިސްރަށް ޓަކައި އަހަރެމެން ކުރަން ބޭނުންކަމެއް. އެންމެން މިސްރުގެ ރަތް ޖޯޒީގައި އެ ތިބި ޖޯޝުން ވަރަށް ހިތްވަރު ލިބޭ،" 
މިސްރުން ގްރޫޕްގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އިރާންއާ އެވެ. އިރާނުން ވަނީ ފުރަތަމަ މެޗުގައި 2-2 އިން ނިއު ޒީލެންޑާ އެއްވަރުކުރުމުގެ އިތުރުން، ދެ ވަނަ މެޗުން ބެލްޖިއަމްއާ 0-0 އިން އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ