މާތް ﷲ ގެ ރަހުމަތްފުޅު ނުވާ ނަމަ އަހަރެމެންގެ ފާފަތަކަށް ވަގުތުން އަޒާބު ދެއްވީހެވެ!

މާތް اللهގެ ރަހުމަތްފުޅު ނުވާ ނަމަ އަހަރެމެންގެ ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވީސް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
‘މާތް اللهގެ ރަހުމަތްފުޅުގެ ތަނަވަސްކަން’ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް اللهގެ ރަހުމަތްފުޅު ނުވާނަމަ އަހަރެމެން މި ދުނިޔޭގައި ނުވާނެ ކަމަށާއި އެކަލާނގެ ރަހުމަތްފުޅު ނުވާ ނަމަ އަހަރެމެން ދިރި ނުތިބީސް ކަމަށެވެ.
އަދި އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް, މުސްލިމުންނަށައި ކާފިރުންނަށްވެސް ދުނިޔެމަތީގައި ރަހުމާންވަންތަ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް އުރެދޭ މީހުންނަށްވެސް އެކަލާނގެ މުހުލަތު ދެއްވާ ކަމަށް ބުންޏެވެ. އެއީ އެ މީހުން ހޭވެރިވެ ތައުބާވެ, اللهގެ ހަޟްރަތަށް އެނބުރި އާދޭތޯ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އެ މީހުންނަށް ދުނިޔޭގެ އަރާމާއި ލައްޒަތާއި ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވައި ބިރުތަކުން ސަލާމަތް ކުރައްވާ އަމާންކަން ދެއްވީ އެ މީހުން الله އަށް ކާފިރުވެ, ޝަރީކުކޮށް, الله ވޮޑިގެންނުވާ ކަމާމެދު އިންކާރުކުރާ ހިނދުގައި ކަމަށާއި އެއީ اللهގެ ރަހުމަތްވަންތަ ކަމާއި ހަލީމުވަންތަކަން ކަމަށެވެ.
ހުތުބާގައި ބުނީ, اللهގެ ރަހީމުވަންތަކަމަކީ މުއުމިނުންނަށް ހާއްސަ ކުރައްވާފައިވާ ސިފަފުޅެއް ކަމަށާއި الله ލައްވަވާ މި ރަހުމަތް ހާއްސަ ކުރައްވާފައިވަނީ އެކަލާނގެއަށް އީމާންވެ, الله އަށް ރުކޫއުކޮށް ސަޖިދަކޮށް اللهގެ ހައްގުތައް އަދާކުރާ މީހުންނަށް ކަމަށެވެ.
މާތް الله ރަހުމަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާވައިލައްވާފައިވާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, އަހަރެމެންގެ ހަޔާތް اللهގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށާއި އެ ފޮތަކީ މުނިފޫހި ފިލުވައިދޭ މިތުރެއްގެ އިތުރުން ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރިއެއް ކަމަށެވެ. އަދި އެއީ އަހަރެމެންގެ ބަލިތަކުގެ ޝިފާ ކަމަށާއި ފުރާނައިގެ ކާނާ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން الله އަށް މުނާޖާ ދަންނަވަން, ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް, އީމާންކަން ހަރުދަނާކުރަން, ސުވަރުގޭގެ މަގުން ދަތުރުކުރަން, ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކުރަން އަދި ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވަން ހުތުބާގައި ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ