ބޯޓިން ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ދާއިރާގެ ފަރާތްތަކުން އެއްތަނަކަށް

ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ "މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" ފަށައިފިއެވެ. މިއީ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
މިއީ 1 ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފޯރަމްއެކެވެ. މި ފޯރަމް ކުރިއަށްދަނީ ހޮޓެލް ޖެންގައެވެ. މިއީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓްއިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި ފޯރަމް ފެށުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މީޑިއަމް އިވެންޓްސްގެ ޑިރެކްޓަރ ޝާމް މުޙައްމަދު ވިދާޅުވީ، މި އިވެންޓަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހުރި މައްސަލަތަކާއި އަދި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބާއްވާ ފޯރަމެއްކަމަށެވެ.
ރާއްޖޭގެ މެރިން އިންޑަސްޓްރީ މިހާރު އޮތީ ރަނގަޅު ހިސާބެއްގައިކަމަށާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މެރިން ދާއިރާއަށް ޝައުގުވެރިކަން އޮތްކަން ފާހަގަވެފައިވާކަމަށް ޝާމް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފޯރަމްއެއް މެދުވެރިކޮށް މި ސިނާއަތް މިހާރު އޮތް ޙާލަތާއި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުން މުހިންމުކަން ޝާމް ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްއަކީ ރާއްޖޭގެ މެރިން ދާއިރާގައި ހުރި މައްސަލަތަކާއި މެދު ވާހަކަދައްކާ އެ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށްޓަކައި މަތީ ފަންތީގެ ބޭފުޅުން މަތީ ފަންތީގެ ކީ-ސްޓޭކްހޯލްޑާރސްއާއިއެކު ދެކެވޭ ވާހަކަދެއްކުންތަކެއް. އެކި މައުސޫތަކަށް ބަހާލައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނީ" ޝާމް ވިދާޅުވިއެވެ.
”މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް“ ގައި 5 ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ. އެއީ:
* މެރިން ލޮޖިސްޓިކް އެންޑް ރެޖިއުލޭޝަން
* ބޯޓިން ޓޫރިޒަމް އެންޑް ސޭފްޓީ
* ބޯޓް ބިލްޑިންގ އެންޑް ކަނެކްޓިވިޓީ
* ފިއުލް އެންޑް ބަންކަރިން
* ސީފުޑް
"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" ގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. މީގެތެރޭގައި މި ދާއިރާގައި ފުންނާބު މުހިންމު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި އިވެންޓްގެ ތެރެއިން ވަނީ އަންނަ އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނެ ތާރީޚު އިޢުލާންކޮށްފައެވެ. އަންނަ އަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ފެބްރުއަރީ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ