މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކޮށްފި އެވެ. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި އެ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ.
ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓި އެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހަކާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.
މި އިންތިހާބުގައި ފަސް ވޯޓު ފޮށި ބަހައްޓާފައިވާ އިރު، އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯދީ އެމްޑީޕީ އެވެ. އެއީ ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށިންނެވެ. އެ ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެވެ. ގުޅީގެ ވޯޓުފޮށީގެ ނަތީޖާ އަދި ނުލިބެ އެވެ.
އެކަމަކު، އެ ވޯޓުފޮށީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މިހާތަނަށް ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކަމަށް ވުމުން މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެމްޑީޕީން މިހާރު ގެންދަނީ ޝާޒްގެ ކާމިޔާބީ ފާހަގަކޮށް އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
މާލޭގައި ބެހެއްޓި ފޮށި: ޕީޕީއެމްއަށް 150 ވޯޓު، އެމްޑީޕީއަށް 162 ވޯޓު، އެމްއެންޕީއަށް 20 ވޯޓު
ގުރައިދޫގައި ބެހެއްޓި ފޮށި 1: ޕީޕީއެމްއަށް 219 ވޯޓު، އެމްޑީޕީއަށް 179 ވޯޓު، އެމްއެންޕީއަށް 29 ވޯޓު
ގުރައިދޫގައި ބެހެއްޓި ފޮށި 2: ޕީޕީއެމްއަށް 210 ވޯޓު، އެމްޑީޕީއަށް 240 ވޯޓު، އެމްއެންޕީއަށް 20 ވޯޓު
މާފުށީގައި ބެހެއްޓި ފޮށި 1: ޕީޕީއެމަށް 226 ވޯޓު، އެމްޑީޕީއަށް 308 ވޯޓު، އެމްއެންޕީއަށް 27 ވޯޓު
މާފުށީގައި ބެހެއްޓި ފޮށި 2: ޕީޕީއެމަށް 179 ވޯޓު، އެމްޑީޕީއަށް 196 ވޯޓު، އެމްއެންޕީއަށް 24 ވޯޓު
ގުޅީގައި ބެހެއްޓި ފޮށި: އެމްޑީޕީއަށް، ޕީޕީއެމްއަށް، އެމްއެންޕީއަށް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މާލޭ އިއްޒުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވޯޓު ގުނުން ކުރިއަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ނަތީޖާއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަށް އިތުރުވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވެ އެވެ. ވޯޓުލުމުގެ ވަގުތު ހަމަވިއިރު، އޭގެ ތެރެއިން ވޯޓުލީ 2،755 މީހުންނެވެ. އެއީ ގާތްގަނޑަކަށް 80 ޕަސެންޓެވެ.
ޕާޓީތަކާ މަޝްވަރާނުކޮށް ވޯޓުލާ ވަގުތު އިތުރުކުރުމުން އިދިކޮޅުން މިއަދު ވަނީ އީސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އެއީ މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރުވި ކަމެއް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ