އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތަކުގައި އެ ކޯޓުން ކުރާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަމީނީ މަގު ހެދުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ތަފުސީލުތައް ހޯދުމަށް 2022 ވަނަ އަހަރު އަހުމަދު އަފްރާހު އިސްމާއިލް، މ. ސްނޯވައިޓް އެދުނު މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ދޭން ހައުސިން މިނިސްޓްރީން ދެކޮޅު ހެދި މައްސަލައިގައި އެ މިނިސްޓްރީއާ ދެކޮޅަށް އައިކޮމްއިން ކުރި އަމުރަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މަހާޒުގެ ރައުޔު އިއްވަމުން އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކުގައި ހައިކޯޓުން ކުރާ ހުކުމެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަށް ރިއާއަތް ކުރާއިރު، މި މައްސަލައަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި އަހުރެން ނުދެކެމެވެ،" މަހާޒު ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
ރާއްޖޭގައި އިސްތިއުނާފީ ޝަރުއީ ދެ ކޯޓު ހުރި ނަމަވެސް އެ ގާނޫނުގެ (ށ) ގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ބެލޭނީ ޝަރުއީ "ކޯޓުތަކަކުން" ގެ ބަދަލުގައި "ކޯޓަކުން" ކަމަށް ބަޔާން ކޮށްފައި އޮތުމުންނާއި "މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަނި" ކަމަށް ބަޔާން ކޮށްފައި އޮތުމުން އިސްތިއުނާފީ މަރުހަލާތައް އެ ވަނީ ސާފު އިބާރާތުން ގާނޫނުގައި އިސްތިސްނާ ކޮށްފައި ކަމަށް މަހާޒު ވިދާޅުވި އެވެ.
އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ ގުޅިގެން ހައިކޯޓުން ނިންމާ ނިންމުމަކީ އެފަދަ މައްސަލަތަކުގައި ޝަރުއީ ކޯޓުތަކުން ނިންމާ ފަހުގެ ނިންމުން ކަމުގައި އެ ގާނޫނުގެ ބޭނުމަށް ބަލަންޖެހޭ ކަމަށް މަހާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އިސްތިއުނާފީ މަރުހަލާ އެގޮތަށް ހަނިކޮށްފައި ވަނީ އެހެނިހެން ގާނޫނުތަކުގައި ވެސް އިސްތިއުނާފު ކުރުމުގެ ހައްގު އެކި ގޮތްގޮތަށް ބަޔާން ކޮށްފައި އޮންނަ އިންތިޒާމުގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެެ.
މިސާލެއްގެ ގޮތުގައި މަހާޒު ފާހަގަ ކުރެއްވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޑްރަގް ކޯޓުގެ ނިންމުންތަކާއި ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓުން އެ މައްސަލަތައް ބަލަން ފަށާ މައްސަލަތަކުގެ އިތުރުން އެންމެ ފުރަތަމަ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ އިސްތިއުނާފު ނުކުރެވޭ ނިންމުންތަކެއް ކަމަށާއި އޭގެތެރެއިން އަނެއްބައި މައްސަލަތަކަކީ އިސްތިއުނާފީ އެންމެ މަރުހަލާއެއް ލިބިފައިވާ މައްސަލަތައް ކަމަށެވެ.
"މި އުސޫލުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާ މައްސަލަތަކަކީ އެ ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން އިސްތިއުނާފީ މަރުހަލާ ނިމިގެންދާ މައްސަލަތަކެވެ، ވުމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އެފަދައިން އޮތް ނަމަވެސް، މި ބާވަތުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމުގައި ބުނެ މި މައްސަލައިގެ ހަސްމުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް އަހުރެންނަށް ގާނޫނީ ބުރަދަނެއް ނުދެވެ އެވެ،" މަހާޒު ވިދާޅުވި އެވެ.
މަހާޒު އެހެން ރައުޔު އިއްވި ނަމަވެސް އަނެއް އެ މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުންގެ ރައުޔުގައި ނިންމީ އަފްރާހު ހޯދަން ހުށަހެޅި މައުލޫމާތު ދޭން މިނިސްޓްރީން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދަ އިލްތިމާސްއެއް ކަމުގައި ހައިކޯޓުން ކަނޑަައަޅާފައިވާ ކަނޑައެޅުން ބާތިލު ކުރުމަށެވެ.
އަދި އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި އެވެ.
އައިކޮމްގެ ނިންމުންތަކާމެދު ފަހު ބަސް ބުނާނީ ހައި ކޯޓުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ: ފަނޑިޔާރު މަހާޒު އައިކޮމްގެ ނިންމުންތަކާމެދު ފަހު ބަސް ބުނާނީ ހައި ކޯޓުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ: ފަނޑިޔާރު މަހާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ