ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް، ނޭމާއާއެކު އެޓޭކު ހުއްޓުވޭކަށް ނެތް!

ވޯލްޑް ކަޕްގެ ގަދަ 16 ގައި ދެކުނު ކޮރެއާ ބަލިކޮށް، ބްރެޒިލުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު އެ މެޗުގައި ކޮރެއާގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. އަނިޔާއަކާ ގުޅިގެން ދެ މެޗުގެ މެދުކެނޑުމަކަށްފަހު ނޭމާ ވަނީ މިރޭގެ މެޗުގައި ކުޅެން ނުކުމެފައެވެ.
ބްރެޒިލުން މެޗު ފެށީ ވެސް އެޓީމުގެ ވަރުގަދަ އެޓޭކިން ކުޅުމުގައެވެ. ނޭމާގެ އެނބުރި އައުމާއެކު ވެސް ބްރެޒިލްގެ އެޓޭކް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ހާއްސަކޮށް ނޭމާއާއެކު ވިނީޝިއަސް ޖޫނިއާ އާއި ރަފީނިއާ އަދި ރިޗާލިސަންގެ ހަލުވިކަން ބްރެޒިލުގެ އެޓޭކުން ފެނިގެންދިޔައެވެ.
މެޗު ފެށިތާ ހަތް މިނެޓުގެ ތެރޭގައި ބްރެޒިލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރަފީނިއާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.
މާ ގިނައިރުތަކެއް ނުވެ، ބްރެޒިލުން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބްރެޒިލްގެ އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ރިޗާލިސަންއަށް ކޮރެއާގެ ޖުންގް ވޫ ޔަންގް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ބްރެޒިލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނޭމާއެވެ.
ބްރެޒިލުން ދެ ގޯލުގެ ލީޑެއް ނެގުމާއެކު ކޮރެއާ އިން ކުރިއަށް ޖެހި، ބްރެޒިލްގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރިއެވެ. އެގޮތުން އެޓީމުން މެޗުގެ 17 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ވެސް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހުވަންގް ހީ ޗޭން ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ.
ކޮރެއާ އިން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ބްރެޒިލުން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ތިއާގޯ ސިލްވާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ބްރެޒިލުން ހަތަރު ގޯލުގެ ލީޑެއް ހޯދިއެވެ. ވިނީޝިއަސް ޖޫނިއާ ދިން ރީތި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކެޓާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކޮރެއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ހާފު ފެށިތާ ތިން މިނެޓު ފަހުން އެޓީމަށް ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާކީނިއޯސް ކައިރިން ނައްޓާލުމަށްފަހު، ކޮރެއާ ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި އެ ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެ ފަހުން ދެން ފެނިގެންދިޔައީ ރަފީނިއާއަށް ލިބުނު ދެ ފުރުސަތެކެވެ. ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ އަދި ނޭމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ ވެސް ކޮރެއާގެ ކީޕަރު ސޫންގް ޖިޔޫ ވަނީ މަތަކޮށްފައެވެ.
ހަމަލާތަކަކަށްފަހު ކޮރެއާގެ ގޯލު ފެނިގެންދިޔައީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕައިކް ސޫންގް ހޯއެވެ. އެ ގޯލު ފާހަގަކޮށްލެވެނީ މުބާރާތުގައި ފެނުނު އެންމެ ރީތި ގޯލުތަކުގެ ތެރޭގައެވެ.
ކުއާޓާގައި ބްރެޒިލް ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ