ބިންހެލުމުގައި ގެއްލުންވި މީހުންނަށް އެހީވުމަށް ކުވައިތު ރައްޔިތުން 67 މިލިއަން ޑޮލަރު އެއްކޮށްފި

ފާއިތުވި ހަފުތާގައި ސޫރިޔާއާއި ތުރުކީއަށް އައި ނުރައްކާތެރި ބިންހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް ކުވައިތު ރައްޔިތުން 67 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފިއެވެ.
ކުވައިތުގެ ސޯޝަލް އެފެއާޒް މިނިސްޓްރީން އިސްނަގައިގެން ބިންހެލުމުގައި ގެއްލުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި މަސައްކަތުގައި 129،000 މީހުން ބައިވެރިވިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ކުވައިތުގެ ޚާރިޖީވަޒީރު ޢަބްދުﷲ އަލްޖާބިރު އައްޞަބާޙުވަނީ މި ހަރަކާތުގައި ބައިވެރިވެ ބިންހެލުމުގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިވުމަށް ފައިސާ ހަދިޔާކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކުވައިތުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުކީއަށް އެހީތެރިވުމުގެ ގޮތުން ޞިއްޙީ އެހީއާއި މިވަގުތުން ވަގުތަށް ބޭނުންވާ މަދަދު ފޯރުކޮށްދިނުމަށް އަރަބި 16 ޤައުމެއް އެކުވެގެން އެއާ ބުރިޖެއް ޤާއިމުކޮށްފައިވާ ކަމަށެވެ.
އެއާ ބުރިޖު ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި ޤަޠަރާއި ކުވައިތާއި، އެކުވެރި ޢަރަބި އިމާރާތާއި، މިޞްރު އަދި ލުބުނާނާއި އުރުދުނާއި ބަޙޫރައިނާއި ތޫނިސްއާއި ފަލަސްޠީނާއި، މޮރިޓޭނިއާއާއި ސޫދާނާއި ޢޮމާން އަދި ޢިރާޤު ހިމެނެއެވެ.
މިހާތަނަށް މި ބިންހެލުންތަކުގައި 24،617 މީހުން މަރުވެ 80،200 މީހުންނަށް އެކި މިންވަރުގެ އަނިޔާވެފައިވާކަމަށް ތުރުކީން ބުނެއެވެ.
7.7 އަދި 7.6 މެގްނިޓޫޑުގެ ބާރުމިން ހުރި މި ދެ ބިންހެލުމުގެ އަސަރު ތުރުކީގެ 10 ޕްރޮވިންސެއްގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ކުރިކަމަށާއި އެ ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކަށްވެސް އަސަރުކުރި ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
މި ބިންހެލުންތަކުގައި ސޫރިޔާއިން 3،553 މީހުން މަރުވެފައިވާއިރު 5،270 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އެ ޤައުމުގެ ސަރުކާރާއި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ