ކުޑަކުދިންގެ ދުވަހާ ގުޅުވައި އެމްއައިބީ ވިސާ ކާޑުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހޮވާލެވިފައިވާ ފިހަރަތަކާއި ރެސްޓޯރެންޓްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އެމްއައިބީއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ތަންތަން ކަމުގައިވާ މިނިސޯގެ އައުޓްލެޓްތަކާއި، ޗިކިންގެ އައުޓްލެޓްތަކާއި، ސްކޫޕް އަދި ކޮކީ ފިހާރައިން ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮކީ ފިހާރައިން ދިނުމަށް ހަމަޖެހިފައިވަނީ 20 ޕަސެންޓުގެ ޑިސްކައުންޓެކެވެ. އެއީ ކުޑަކުދިންގެ ކުޅޭ އެއްޗިހި ވިއްކުމަށް ޚާއްސަ ފިހާރައެކެވެ. ހަމަ އެގޮތަށް ކުޑަކުދިންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ސްކޫޕްއިން 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ އިރު މިނީސޯ އަދި ޗިކިންއިން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެމްއައިބީއިން ބުނެއެވެ. އެމްއައިބީއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ކެމްޕެއިންގައި ބައިވެރިވެވޭނީ އެމްއައިބީ ވިސާ ޑެބިޓް ކާޑު ގެންގުޅޭ ހުރިހާ ކަސްޓަމަރުންނާއި، ފައިސާވެއާ ބޭނުންކުރާ ފަރާތްތަކަށް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ޑިސްކައުންޓް ލިބޭނީ އެމްއައިބީ ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް 300 ރުފިޔާއިން މަތީގެ މުއާމަލާތްތަކަށް ކަމަށާއި އެއް މުއާމަލާތަކުން ގިނަވެގެން ލިބޭނީ 500 ރުފިޔާގެ ޑިސްކައުންޓެއް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ. އެމްއައިބީއިން އަންނަނީ މިފަދަ މުނާސަބަތުތަކާ ގުޅިގެން ކަސްޓަމަރުންނަށް އެކި ޕްރޮމޯޝަން ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ