ކުޅިވަރު އެކެޑަމީތަކާއެކު އެއްބަސްވުން ހަދަން ސްކޫލުތަކަށް ހުއްދައެއް ނުދެން: އެޑިއުކޭޝަން
ސްކޫލްތަކުގެ ގޯތިތެރެއާއި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ކުޅިވަރު އެކެޑަމީތައް ހިންގަން އެއްބަސްވުން ހަދަން ސްކޫލުތަކަށް ހުއްދީފައި ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ސްކޫލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ބައެއް އެކެޑަމީތަކުގެ ސަބަބުން އާންމު އާއިލާތަކުގެ ދަރިވަރުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް "ސަން" އިން ވަނީ ދާދިފަހުން https://sun.mv/221441 ރިޕޯޓެއް ޝާއިއުކޮށްފައެވެ. "ސަން" އިން މި މައްސަލަ ފެންމަތިކުރުމާ ގުޅިގެން، ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައާއި އެކި ގޮތްގޮތުން ހިއްސާކޮށްފައިވާ ގޮތުގައި، މިއީ މިއަދު ސްކޫލްތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ބައެއް ބެލެނިވެރިން އެ މީހުންގެ އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ބުނެފައިވަނީ، ސްކޫލްގެ ކުޅިވަރު ޓީމުތަކަށް ކުދިން ހޮވުމުގައި އެކެޑަމީތަކުގެ ނުފޫޒު އިންތިހާއަށް އޮތުމުގެ ސަބަބުން، އެކެޑަމީތަކަށް ފީ ނުދެއްކޭ އާއިލާތަކުގެ ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ގެއްލި، ބާކީވާން ޖެހިފައިވާ ކަމަށެވެ. އަދި އެ އެކެޑަމީތަކުން ސްކޫލުތަކުގެ ވަސީލަތްތަކުން ވިޔަފާރި އުސޫލުން ކަންކަން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްތަކުގެ ވަސީލަތްތައް އަމިއްލަ ވިޔަފާރި އުސޫލުން ނުވަތަ ދާއިމީ ސިފައެއްގައި އެކެޑަމީތައް ހިންގުމަށް ދޫކުރުމަކީ އެ މިނިސްޓްރީން ހުއްދަދީފައިވާ ކަމެއް ނޫން ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު "ސަން" އިން ގެނެސްދިން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ސްކޫލްތަކުން ވަކި އެކެޑަމީތަކަކަށް "އެންޑޯޒް" ދީގެން ސްކޫލްގެ ދަނޑާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދީފައިވެއެވެ. ނަމަވެސް، މިނިސްޓްރީގެ ޖަވާބުން އެނގެނީ މިގޮތަށް ހިންގާ ހަރަކާތްތަކަކީ އެ މިނިސްޓްރީގެ ރަސްމީ ހުއްދައެއް ނުވަތަ އުސޫލެއްގެ ތެރެއިން ހިނގާ ކަންތައްތަކެއް ނޫން ކަމެވެ. ބެލެނިވެރިންގެ ޝަކުވާތަކަށް ބަލާއިރު، ބައެއް ކުދިންނަށް ސްކޫލްގެ ތަމްރީނުތަކުގައި ބައިވެރިވެވޭނީވެސް ވަކި އެކެޑަމީއަކަށް ވަދެ ފީ ދައްކައިގެން ކަމަށް ބުނެ ބައެއް ސްކޫލްތަކުން މަޖުބޫރުކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. މިނިސްޓްރީގެ މި ޖަވާބާއެކު، މިހާރު ސްކޫލްތަކުގައި ހިންގަމުންދާ އެކެޑަމީތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާއިރު، މިކަންކަން ރެގިއުލޭޓްކޮށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ