މިދިޔަ އެޕްރީލް މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 37 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 8 ޓީއީޔޫސް (TEUs) އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 5 ގައުމަކަށް ވަނީ މުދާ ފޮނުވާފައެވެ. މި ޚިދުމަތުގައި މިދިޔަ މަހު ބައިވެރިވި އެއާލައިންތަކަކީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ލުފްތަންސާ އަދި ގަތަރު އެއާވޭސް އެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ. މި އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ފެށި މި ޚިދުމަތަކީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ.
މި ޚިދުމަތް ފުޅާވަމުން އަންނައިރު، މިހާރުވެސް 17 އަށްވުރެ ގިނަ އެއާލައިން މި ޚިދުމަތުގައި ވަނީ ބައިވެރިވެފައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ ގައުމަކަށް ވުމުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ބޮޑަށް އެބައޮތެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން ކުރަމުން އަންނަ މި މަސައްކަތަކީ އެ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. ރާއްޖޭގައި މި ޚިދުމަތް ފެށުމުގެ މައިގަނޑު މަގްސަދަކީވެސް ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އާ މަގުތައް ފަހިކުރުމެވެ.
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 37 ޓަނުގެ މުދާ ބޭރަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ