ބޮންޑު ދައްކަން ރިޒާވްގައި ފައިސާއެއް ނެތް: ނަޝީދު

އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ބޮންޑު ދައްކަން ރިޒާވްގައި ފައިސާ ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.
ކުރީގެ ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވަރަށް އަވަހަށް އިންޑިއާ ސަރުކާރުގެ 50 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަންޖެހޭ ކަމަށެވެ. ނަމަވެސް ބޮންޑު ދެއްކުމަށް ރިޒާވް ނެތް ކަމަށް ވިދާޅުވި އެވެ.
"ފަންސާސް މިލިއަން ޑޮލަރުގެ ބޮންޑެއް އިންޑިއާ ސަރުކާރުގެ ބޮންޑެއް. ދެން އެ ބޮންޑު މެޗުއަރިޓީއެއް އެބަ އާދޭ. މި އަންނަ މަހު ދައްކަންޖެހެނީ. މި އަންނަ ހަފްތާ ނުވަތަ މި އަންނަ މަހު. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންގެ ރިޒާވްސް ހުރިކަމަކަށް އެ ދެއްކޭކަށް. އަޅުގަނޑުމެން އަތަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.
ޑޮލަރަށް ދަތިވެފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އިންޑިއާއާއެކު މަޝްވަރާތައް ކުރެއްވި ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން ފައިސާ އިސްރާފު ކުރަމުންދާ ކަމަށާއި އެކުވެރި ދައުލަތްތަކުން އެހީދޭއިރު އެކަންކަމަށް ވިސްނާނެ ކަމަށެވެ.
ނަޝީދު ވަނީ ރާއްޖެއިން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން ވަކި ޕްރޮގްރާމެއްގެ ތެރެއިން ކަންތައްތައްދާ ގޮތަކަށް މިކަން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ