ޑރ އަހުމަދު ރައީސް ނަޝީދުއަށް: ތަސްބީޙަ ކިޔާހެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ބާތިލް ކަންތައްތައް ސައްހެއް ނުވާނެ

ދުވާލަކު ފަސް ފަހަރު ތަސްބީޙަ ކިޔާހެން ކަންތައް ކުރަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިނަމަވެސް ބާތިލް ކަންތައްތައްތައް ސައްހަ ކަންތައްތަކެއްގެ ގޮތުގައި ނުހުދޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަވްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 
ޑރ އަހުމަދު މިފަދައިން ވިދާޅުވީ ތަފާތުކުރުމެއްނެތި ހުރިހާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވިޓެއްގައެވެ. 
މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ  ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ނުހަދާނެ ކަމަށެވެ. އަދި ވަކި ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި، ވަކި ފަނޑިޔާރެއްގެ މައްސަލަ ނުބަލައި ދޫކޮށްނުލާނެ  ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ޑރ އަހުމަދު ކުރެއްވި ޓުވިޓްގައި ވިދާޅުވީ  ދުވާލަކު 5 ފަހަރު ތަސްބީޙަ ކިޔާހެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖޭއެސްސީއިން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޢައިރުދުސްތޫރީ ބާޠިލުކަންތައް ޞައްޙަ ނުވާނެ ކަމަށެވެ. އަދި ސުލޫކީގެ ނަމުގަ ޖޭއެސްސީންނާއި މަޖިލީހުން  ބަލާ 90 ޕަސެންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތަކެއް ކަމަށް ޑރ އަހުމަދު ވިދާޅުވިއެވެ. 
މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ  ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަޑައިގެންނެވީ ވަރަށް މުހިންމު ގިނަ ވައުދުތަކާއެކު ކަމަށާއި، ޚާއްސަކޮށް ޝަރުއީ ނިޒާމް އިންސާފްވެރި ތަނަކަށް ހެދުމަށް ވީ ވައުދު ފާހަގަކޮށްލެވޭ ކަމަށެވެ. އެހެންނަމަވެސް، އެއީ އެއް ރެއިން ވާނެ ކަމެއްނޫން ކަމަށާއި ވަކި ޚާއްސަ އިޖުރާއަތްތަކެއް ފުރިހަމަކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ