މައްސަލައަކާ ގުޅިގެން ޑީޖޭއޭގެ އިސް ދެމުވައްޒަފެއް ސަސްޕެންޑްކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ އިސް ދެ ވެރިއަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ. ސަސްޕެންޑްކޮށްފައިވަނީ އެ އިދާރާގެ ދެ ޑިރެކްޓާ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ އެވެ.
ސަސްޕެންޑްކުރި ދެ ބޭފުޅުންގެ ތެރެއިން ޒަކަރިއްޔާ ހުސެއިން އަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. އޭނާ ވަނީ މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު ވެސް ފުރުއްވާފައެވެ.
މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެނގިފައިވީ ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑްކޮށްފައި މިވަނީ އެ އިދާރާގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ