42 އަހަރުގެ ދިގު ޚިދުމަތަށްފަހު ދަމަނަވެށި ބަންދުކުރީ ވަގުތީ ގޮތުން ކަމަށާއި، މި ބަންދުގެ މުއްދަތުތެރޭގައި ދެވެމުންދިޔަ ޚިދުމަތްތައް ފުރިހަމަ ކެޕޭސިޓީގައި ދެވިގެން ދާނެކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުލް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މަޢުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ދަމަނަވެށި އަދި ތެލެސީމިއާ ސެންޓަރުން ދެމުން ދިޔަ ޚިދުމަތްތައް އެއްކޮށްލައި، ދަމަނަވެށި ހުރި ބިމުގައި ”ހެންވޭރު އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު“ ގެ ނަމުގައި ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމެވެ. މި އާ މަރުކަޒު ޖުލައި 26ވަނަ ދުވަހު ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ދަމަނަވެށި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ވެސް ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި، ފުރިހަމ ަކެޕޭސިޓީގައި ލިބޭނެކަމުގެ ޔަޤީންކަން ހަލީމް ވަނީ ދެއްވާފައެވެ. މިގޮތުން ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް ވަގުތީގޮތުން ބަހާލެވިފައިވަނީ ތިރީގައިވާ 3 ތަނަށެވެ:
ރަސްފަންނު ކުރިމަތީގައި ހުންނަ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު.
ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓު.
ހުޅުމާލެ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކް.
ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާ މަރުކަޒު ހުޅުވުމުން އާންމު ސިއްޙީ ޚިދުމަތްތަކާއި ޖީޕީ ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމަވެ، ރައްޔިތުންނަށް ލިބޭ ލުއިފަސޭހަކަން ބޮޑުވެގެންދާނެއެވެ. ދަމަނަވެއްޓަކީ ކުޑަކުދިންގެ ވެކްސިން ދިނުމާއި، ހެދިބޮޑުވާ މިންވަރު ބެލުމާއި، ދަތުރުވެރިންނަށް ވެކްސިން ދިނުމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ މުހިންމު ޚިދުމަތްތައް ދެމުން ދިޔަ ތަނެކެވެ.
މި ބަދަލާ ގުޅިގެން ދަމަނަވެށީގެ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރި ނަމަވެސް، އާ މަރުކަޒު ހުޅުވުމުން އަލުން އެނބުރި އެތަނަށް އައުމުގެ ފުރުޞަތު އޮންނާނެ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ އަންގާފައިއެެވެ.
ދަމަނަވެށި ބަންދުވިޔަސް ޚިދުމަތްތައް ފުލް ކެޕޭސިޓީގައި މެދުނުކެނޑި ލިބޭނެ: ހަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ