4 ޑައިވަރުންގެ ހަށިތައް އިޓަލީ ވިލާތަށް ގެންގޮސްފި

ވ. އަތޮޅު ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރެއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް މަރުވި އިޓަލީ ވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް އަނބުރާ އެ މީހުންގެ ގައުމު އިޓަލީ ވިލާތަށް މިއަދު ގެންގޮސްފި އެވެ.
ވީ ކިހިނެއް؟- ހޮހަޅައިގެ އަޑީގައި އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައި ވަނީ މިދިޔަ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ހޮހަޅައިގެ ބޭރުގައި މަރުވެފައި އޮއްވައި ފެނުނު އިޓަލީ ވިލާތުގެ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ކުރިން ވަނީ އިޓަލީއަށް ގެންގޮސްފަ އެވެ. 
ތަފުސީލް- ހަށިތައް ނެގުމުގެ ނުރައްކާތެރި އޮޕަރޭޝަނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ރިކަވަރީ ޓީމުގައި ހިމެނޭ ދިވެހި ޑައިވަރު، މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން މެދުކަނޑާލަން ވެސް ޖެހުނެވެ.  
ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އެ މިޝަންގައި ބައިވެރިވެ، އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ އެންމެ އެތެރޭގެ ޗެމްބަރުގައި ތިއްބައި ހޯދީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މީހުންގެ ހަށިތައް ހުރީ ހޮޅައިގެން 200 ވަރަކަށް ފޫޓު އަޑީގަ އެވެ.
ރާއްޖޭގައި ޑައިވް ކުރުމުގެ ހުއްދަ އޮންނަނީ އެންމެ ފުންމިނަށް ވެސް، 98 ފޫޓް ނުވަތަ 30 މީޓަރު އަޑިއަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފަސް ޑައިވަރުންގެ މަރުގެ މައްސަލަ ކަމަށާއި ދެ ވަނަ ތަހުގީގަކީ މަހުދީ ޑިއުޓީގައި ހުއްޓައި ނިޔާވި މައްސަލަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އަނބުރާ އިޓަލީއަށް ގެންދިޔަ މީހުންގެ ޕޯސްޓްމޯޓަމްއަށް ފަހު، އަދި އެ އޭގެ ހޯދުންތައް ދިވެހި ސަރުކާރާ ހިއްސާ ކުރާނެކަން އިޓަލީ ވިލާތުން އެއްބަސްވެފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވި އިޓަލީ ވިލާތުގެ މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ އިލްމުވެރިންހިމެނެ އެވެ. އެ މީހުންގެ މި ދަތުރުގައި ރާއްޖޭގެ މުރަކަތަކާ ބެހޭ ދިރާސާއަކަށް ހުއްދަ ނަގާފައިވާ ކަމަށް، ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެ ދިރާސާގައި ފުނަށް ފީނުން ވެސް ހިމެނެ އެވެ. އެކަމަކު، ތަރުޖަމާނު ވިދާޅުވި ގޮތުގައި، ކަނޑު އަޑީގެ ހޮހަޅައަށް ފީނުމުގެ އެއްވެސް ވާހަކައެއް އެ ހުށައެޅުމުގައި ނެތެވެ. 
ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ހަތަރު މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ އެއް ތަނެއްގައި ވަނިކޮށެވެ.  
ފިންލެންޑުގެ ޑޭން ޔޫރަޕްގެ ސީއީއޯ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މީހުން މަރުވީ އެއްކޮޅު ބެދިފައިވާ ތަނަކަށް ވަދެވި، އަދި އެތަނުން ނުކުންނާނެ ގޮތެއް ނޭނގި އޮޅިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި އެ މީހުން ދިޔައީ ކޮންމެ މީހަކު ވެސް އެއް ވައިފުޅި ހިފައިގެން ކަމަށާއި އެ ހާލަތުގައި ނުކުންނާނެ މަގު ހޯދުމަށް އުޅެ، އެކަން ކުރާނެ ވައި ފުޅީގައި ނުހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ