ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު އެ ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައުޓްރީޗު ސެންޓަރު ހުޅުވައިދެއްވީ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރުއެވެ. މި ރަސްމިއްޔާތުގައި، ވުޒާރާގެ ބައެއް އިސްވެރިންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާއި ބައިވެރިވެވަޑައިގަތެވެ. ފުވައްމުލައް ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށްފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެކަމަށާއި އަދި މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާކަން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވާފައެވެ. އަދި ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު އެ ކައުންސިލަށް ފޮނުވާފައިވާ ކަންވެސް ވަޒީރު ހާމަކުރައްވާފައެވެ. ހަމައެއާއެކު އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ޤުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެއެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން ފުޅާ ކުރުމަކީ ރަައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމުގެ މަސައްކަތް ވުޒާރާއިން މިހާރު ފަށާފައި ވާއިރު، ރާއްޖޭގެ 16 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ބިނާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކީރިތި ޤުރުއާނުގެ ދާއިރާއަށް ދަޢުލަތުން އަހައްމިއްޔަތުކަން ދޭ މިންވަރު މި ސަރުކާރުން އިތުރުކޮށްފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ މުބާރާތަކަށް ވަނީ ހަދާފައެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައްދޭ، އެންމެ ޝަރަފްވެރި މުބާރާތައް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ