ކޭޕް ވާޑުން ބުނީ ވޯލްޑް ކަޕްގައި ތަމްސީލުކުރަނީ ހުރިހާ ކުދި ގައުމުތައް ކަމަށް

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - މެޗަކުން ބަލިނުވެ، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރަށް ދިޔަ އެންމެ އާބާދީ ކުޑަ ގައުމުގެ ޝަރަފް ހޯދި ކޭޕް ވާޑުން، މި ކާމިޔާބީގައި ފާހަގަކުރާ ކަންކަން ގިނަ ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގައި ކޭޕް ވާޑުން ތަމްސީލުކުރަނީ "ހުރިހާ ކުދި ގަައުމުތައް" ކަމަށް އެ ޓީމުގެ ކޯޗު، ބުބިސްޓާ ބުނެފި އެވެ. 
އާބާދީގައި އެންމެ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު މި ފަހަރު މުޅިން އަލަށް ހޯދި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ގޮތުން، ކޭޕް ވާޑް ކުޅުނު އެންމެ ފުރަަތަމަ މެޗުގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ތަށި އުފުލާލި ސްޕެއިނާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މިއީ، ގިނަ ބަޔެއްގެ ސަމާލުކަން ކޭޕް ވާޑަށް ހުއްޓިގެންދިޔަ މެޗެކެވެ. އެ ހިސާބުން ވެސް އެ ޓީމުން އެއް އަޒުމެއްގައި މަސައްކަތް ކުރިއަށްގެންދިޔައީ ހަމަބިމުގައި ތިބެ އެވެ. 
ދެ ވަނަ މެޗުގައި،  ކޭޕް ވާޑް އިން ވަނީ 2-2 އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އުުރުގުއޭއާ އެއްވަރުކޮށްފަ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، ރޭ ކޭޕް ވާޑުން ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުވެ، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ވަނީ ޖާގަ ހޯދައިފަ އެވެ. 
ރޭ އުރުގުއޭ އިން ސްޕެއިނާ އެއްވަރުކުރި ނަމަވެސް ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ނޮކައުޓްގެ ޖާގަ ލިބޭނީ އިންތިޒާރަކަށް ފަހު އެވެ. އަމިއްލަ ބާރެއް ނޯންނާނެ އެވެ. އެކަމަކު، ސައުދީ އަރަބިއްޔާއާ ކުޅެގެން ކޭޕް ވާޑް އެއްވަރުވި މެޗަށް ފަހު، އެ ޓީމުން ތިބީ ފޯނުން، ސްޕެއިނާއި އުރުގުއޭގެ މެޗު ބަލާށެވެ. ސްޕެއިނުން 1-0 އިން އުރުގުއޭ ބަލިކުރި މެޗު ނިމުމާ އެކު، ކޭޕް ވާޑްގެ ކުޅުންތެރިންނާއި އޮފިޝަލުން ކެކިގެން ދިޔަ އެވެ. 
ކޭޕް ވާޑްގެ ކޯޗު ބުބިސްޓާ ބުނީ، އެ ޓީމުން ސާބިތުކޮށްދިނީ އެއްވެސް ކަމަކީ ނުވާނެ ކަމެއްގެ ގޮތުގައި ފުޓްބޯޅައިގައި ނުބެލުމަށް ކަމަށެވެ. ވޯލްޑް ކަޕެއްގައި ކުޅުނު ތިން ވަނަ އަށް އެންމެ ކުޑަ އާބާދީ ނިސްބަތްވާ ކޭޕް ވާޑުން ގަދަ 32 ޓީމުގެ ބުރުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ އެވެ. 
"ފުރަތަަމަ ކަމަކަށް އަހަރެމެން ބުނާނީ އެއްވެސް ކަަމަކީ ނުވާނެ ކަމެކޭ ނުބުނާށޭ، މަސައްކަތް ކުރާށޭ، އަހަރެމެންގެ މި ޓީމު ހާސިލްކުރި ކަންތައްތަކާ މެދު ފަހުރުވެރިވޭ. މިއީ، އަހަރެމެން އުފާކުރާނެ އަދި ކުރަންވީ ވެސް ވަގުތެއް. ފުރަތަމަ ކަމަކަށް އަހަރެމެންގެ ވިސްނުން އޮތީ ވެސް މިއީ ވެސް ފުޓްބޯޅަ އޮތް ގަައުމެއްކަން ދައްކައިދިނުން. އެކަން ކުރެވިއްޖެ. އާޖެންޓީނާއާ ދެކޮޅަށް ކުޅުން، މެސީއާ ބައްދަލުކުރާ މެޗެއްގައި ފެނުން، މިއީ ވެސް އަހަރެމެންނަށް ވަރަށް ބޮޑު ކަމެއް،" ބުބިސްޓާ ބުންޏެވެ. 
"އަހަރެމެން މި ތަމްސީލްކުރަނީ އަހަރެމެންގެ ގައުމު، ދެން، އެފްރިކާ، އަދި، ހުރިހާ ކަމަކަށް ވުރެން ބޮޑަށް މުޅި ދުނިޔެ ވަށައިގެން އޮތް ކުދި ގައުމުތައް،" 
ބުބިސްޓާ ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ އަމާޒެއް އޮވެެގެން މަސައްކަތްކޮށްފިއްޔާ ކަންކަން ކުރެވޭނެ ކަމުގެ މިސާލެއް ކަމަށެވެ. އަދި، ރަނގަޅު ރޫހެއްގައި ވިސްނުންތެރިކަމާ އެކު ކުރާ ކަމެއްގައި ވާސިލްވާން ބޭނުންވާ މަންޒިލާ ހަމައަށް ކޮންމެވެސް ހިސާބަކުން ދެވޭނެކަން ކަމަށް ބުބިސްޓާ ވަނީ ބުނެފަ އެވެ. 
މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑުން ވަރުގަދަ ސްޕެއިން އަދި އުރުގުއޭއާ އެއްވަރުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި. އެ ޓީމުގެ ކޯޗު ބުބިސްޓާ ބުނީ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، މިހާރު އަމާޒަކީ އެ ނުވާނެއޭ ބުނި ކަންތައް ހާސިލްކުރުން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ