ބޭނުންވަނީ ރަނގަޅު ޓީޗަރާއި ހިތްވަރެއް: ފާސްނުވާތީ ދޫކޮށްލަން ނިންމި މާއްދާއިން އޭ ސްޓާ

ކެމިސްޓްރީ ޓީޗަރު އަބްދުﷲ އިކްރާމަށް، ގްރޭޑް 10ގައި ކިޔަވަމުން އައި އެ ދަރިވަރާ ފުރަތަމަ ބައްދަލުވި އިރު ވެސް، އެއީ ކިޔެވުމަށް ޝައުގުވެރިކަން ހުރި ކުއްޖެއްކަން އެނގުނެވެ. އެކަމަކު އެއާ އެކު އެ ކުއްޖާގެ ޖެހިލުންވުމާއި ހާސްވުން ވަޒަންކުރެވުނެވެ. ސުވާލެއް ކުރަން އަތް ނަގާ ކޮންމެ ފަހަރަކު، އޭނާގެ އަތް ތުރުތުރު އަޅާތަނާއި ސުވާލު ކުރާއިރު އަޑު ތުރުތުރުލާތަން ފެނުނެވެ.
އެ ދަރިވަރުގެ އެ ހާސްކަން ފިލައިދިޔައީ މަދު ކްލާސްތަކަކަށް ފަހު އެވެ.
އުތުރުގެ ރަށަކަށް ސްޓަޑީ ކޭމްޕެއް ނަގައިދިން ދިޔަ މި ޓީޗަރު، އޭނާގެ ތަޖުރިބާ ހިއްސާކުރަން ބޭނުންވީ، ދަރިވަރަކާއި ޓީޗަރާ ދެމެދު ގާއިމް ކުރެވޭ ގުޅުމާއި އިތުބާރު، ރަނގަޅު ނަތީޖާއެއް ހޯދުމަށް ކިޔާ މުހިއްމު ދައުރެއް ކުޅޭކަން އަންގައިދިނުމުގެ ގޮތުންނެވެ.
ދަރިވަރުގެ ނަމެއްގެ ގޮތުގައި އިކްރާމް ބޭނުން ކުރީ 'ޒައިޝާން' އެވެ. އޭނާ ބުނި ގޮތުގައި، ޓީޗަރަށް އިތުބާރުކޮށް، ދަރިވަރުގެ ހާސްކަން ފިލާދިޔުމާ އެކު ދެން ފެނުނީ ޒައިޝާންގެ ސުވާލުތައް އޮހޭތަނެވެ. އުނގެނުމަށް ފެންބޮވައިގެންފައިވާ ދަރިވަރެއް ފަދައިންނެވެ. ހީވީ، އެ ޓީޗަރު ބުނި ގޮތުގައި، އޭނާގެ ކެތްތެރިކަމާއި އޯގާތެރިކަން އިމްތިހާން ކުރަން އުޅުނުހެންނެވެ.
"ވަރަށް އާދައިގެ ސުވާލުތަކާއި އުނދަގޫ ސުވާލުތައް ވެސް ކުރި. އެކަމަކު އަޅުގަނޑު އަމިއްލަ ނަފްސަށް ވައުދުވީ އެއިން ކޮންމެ ސުވާލަކަށް ވެސް ފަރުވާތެރިކަމާއެކު ޖަވާބުދާރީވުމަށް،" އިކްރާމް ބުންޏެވެ.
ދެ ދުވަހުގެ އެ ސެޝަނަށް ފަހު ޓީޗަރު އެނބުރި ދާން ތައްޔާރުވުމުން، ނޭނގޭ ސުވާލުތައް މެސެޖަކުން އަހާލުމުގެ ހުއްދައަށް ޒައިޝާން އެދުނެވެ. އެކަމަށް އިކްރާމް ހުއްދަ ދިނެވެ. އަދި ވީހާ ވެސް ރަނގަޅަކަށް ޖަވާބުތައް އޮޅުންފިލުވައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.
"އެކަމަކު އޭރު ވަޒަނެއް ނުކުރެވޭ އަޅުގަނޑުގެ އެ އާނ ބަހުން އޭނާއަށް ލިބުނީ ކިހާބޮޑު ހިތްވަރެއް ކަމެއް،" އިކްރާމް ބުންޏެވެ.
މާ ގިނަ ދުވަސްތަކެއް ނުވެ، އިކްރާމްގެ ފޯނު ފުރާލީ ޒައިޝާންގެ ކެމިސްޓްރީ ސުވާލުތަކުންނެވެ. އަރާއިރާއެކީ މެސެޖެއް އައިސްފައި އޮވެ އެވެ. މެންދުރާއި ހަވީރާއި ދަންވަރު ވެސް މެސެޖުތައް އާދެ އެވެ.
އިކްރާމް ބުނި ގޮތުގައި، ކޮންމެ ވަގުތަކު މެސެޖް އައި ނަމަވެސް ކެތްތެރިކަމާއެކު އޭނާ އެއަށް ޖަވާބު ދިނެވެ. އެއީ، ދަރިވަރެއްގެ އުނގެނުމުގެ އެ ޝައުގަކީ ކިހާ ނާޒުކު އެއްޗެއް ކަމާއި ޓީޗަރުންނަކީ އޭގެ ބަލަދުވެރިންކަން އޭނާއަށް ވަޒަން ކުރެވޭތީ އެވެ. އަދި ކޮންމެވެސް ދުވަހަކުން އެ ކެތްތެރިކަމުގެ މޭވާ ލިބޭނެކަން އެނގޭތީ ކަމަށް ބުންޏެވެ.
އިމްތިހާނުގެ ނަތީޖާ ލިބުނު ދުވަހު، ޒައިޝާންއެކޭ އެއްގޮތަށް އިކްރާމް ވެސް އިނީ ހާސްވެފަ އެވެ. ކިޔަވައިދޭން ކުރާ ދަތުރުތަކުގައި ގިނަ ކުދިންތަކަކާ ދިމާވި ނަމަވެސް، އެގޮތަށް މެސެޖްކޮށް، އެއްޗެހި އޮޅުންފިލުވި ދަރިވަރަކު މަދެވެ. އެހެންވެ، ފޯނަށް ދެން އަންނާނީ އޭނާގެ ގިނަ ވަގުތުތަކެއް ހުސްކޮށް، ސަމާލުކަން ދިން ދަރިވަރުގެ ނަތީޖާކަން އެނގޭތީ އެއަށް އޭނާއަށް ވަރަށް އިންތިޒާރު ކުރެވުނެވެ. އެންމެ ފަހުން އެ މެސެޖް ލިބުމާ އެކު، ލޮލުން އުފާވެރިކަމުގެ ކަރުނަ އައި ކަމަށް އޭނާ ބުންޏެވެ.
"އޭނާއަށް ލިބުނީ އޭ ސްޓާއެއް،" އިކްރާމް ބުންޏެވެ.
އެކަމަކު އެއަށް ވުރެ ބޮޑަށް އޭނާގެ ހިތަށް އަސަރު ކުރީ، އޯލެވެލް އިމްތިހާނުގައި ޒައިޝާން ކެމިސްޓްރީ ދޫކޮށްލަން އުޅެފައި، ދިމާވި ހިތްހެޔޮ ޓީޗަރެއްގެ ސަބަބުން، އެ މާއްދާ ކިޔަވަން ނިންމީ ކަމަށް ބުނުމުންނެވެ.
ކެމިސްޓްރީއަކީ ކުރިން އެ ދަރިވަރު ފާސްނުވާ މާއްދާ އެކެވެ. އަދި ކުރިން ކިޔަވައިދިން ޓީޗަރެއްގެ ސަބަބުން ޝައުގުވެރިކަން އެއްކޮށް ގެއްލިފައިވާ މާއްދާއެކެވެ.
"ފޯނަށް ބަލަހައްޓައިގެން އިންއިރު، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބުރަދަނާއި އޭގެ ފުރިހަމަކަން އިހުސާސްވި. އެއީ ކުރު ޒިޔާރަތެއްގައި ބައްދަލުވި އާދައިގެ ދަރިވަރެކޭ ހީވި ނަމަވެސް ހަގީގަތުގައި އެއްވެސް ދަރިވަރަކީ ހަމައެކަނި އާދައިގެ ދަރިވަރެއް ނޫން،" އިކްރާމް ބުންޏެވެ.
އޭނާ ބުނީ ޓީޗަރެއްގެ ނުފޫޒު، ދަރިވަރެއްގެ ހަޔާތުގައި ކިހާ ގަދަވެދާނެކަން ބައެއް ފަހަރު ޓީޗަރުން ވެސް ހަނދާން ނެތޭ ކަމަށެވެ. ކުޑަ ކެތްތެރިކަމެއް އިސްކޮށް، ދަރިވަރަކު ކުރާ 'އާދައިގެ' ސުވާލަކަށް ޖަވާބު ދީ، އުނގެނުމުގައި ރައްކާތެރިކަން އިހްސާސްކޮށްދީގެން، ޒުވާނެއްގެ މިސްރާބު މުޅިން ބަދަލުކޮށްދެވިދާނެކަން، ޒައިޝާންގެ ނަތީޖާއިން އެނގުނު ކަމަށް ބުންޏެވެ.
"ދަރިވަރުންނަށްޓަކައި ހިތާއި ރޫހުން މަސައްކަތްކުރާ ހުރިހާ ޓީޗަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ދެމިތިއްބަވާށޭ. ކެތްތެރިކަން އިސް ކުރާށޭ،" މިދިޔަ އަހަރު 17 ސްކޫލަކަށް ޒިޔާރަތްކޮށް އަދި އޮންލައިންކޮށް 300 ދަރިވަރުންނަށް ކިޔަވައިދިން އިކްރާމް ބުންޏެވެ.
"ތިޔަ ބަދަލުކޮށްލެވެނީ ކާކުގެ ދުނިޔެއެއް ކަމެއް ވެސް ނޭނގިދާނެއޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ