ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ގަސް ކެނޑި މައްސަލައެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) 550,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އެ މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ.
އީއާރުއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ބާރަށު ކައުންސިލްގެ އެދުމުގެ މަތިން އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ރަށުގެ ވަށައިގެންވާ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި، ހުއްދަ ނެތި ރުއްގަސް ކަނޑައި މަގު ފުޅާކުރި މައްސަލައެކެވެ. މި ތަހުގީގުން އެމްޓީސީސީން ދެ ގަވާއިދަކާ ހިލާފުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ފުރަތަމަ ޖޫރިމަނާގެ ގޮތުގައި 500,000 ރުފިޔާ ކަނޑައަޅާފައިވަނީ ”ގުދުރަތީ ގޮތުގައި ރައްކައުތެރިކޮށް ދެމަހައްޓާ ތަންތަނާބެހޭ ގަވާއިދު“ އާ ހިލާފުވުމުންނެވެ. އެއީ ހިމާޔަތްކޮށްފައިވާ ބާރަށު ކުޅި، ފާ، އަދި ޗަސްބިން ސަރަހައްދުންނާއި އެ ސަރަހައްދުގެ 20 މީޓަރުގެ ބަފަރ ޒޯން ހިމެނޭހެން 24,617.78 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ”ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު“ އާ ހިލާފަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުން ބޭރުން 835,837.95 އަކަފޫޓުގެ ސަރަހައްދެއް ސާފުކުރުމުން 50,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މި މައްސަލައިގައި ބާރަށު ކައުންސިލްގެ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ހުރިކަން ވެސް އީއާރުއޭ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަސް ނުކެނޑުމަށް ކުރިން އަންގާފައި ވަނިކޮށް، އެމްޓީސީސީން އެކަން ކުރިއިރު ކައުންސިލުން އެކަން ރިޕޯޓުކޮށްފައި ނުވާތީ، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ކައުންސިލަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ޖޫރިމަނާ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އެމްޓީސީސީއަށް ވަނީ އަންގާފައެވެ. އަދި އެ ސަރަހައްދު އިއާދަކުރުމަށް އެމްޓީސީސީން ހުށަހަޅާފައިވާ ރެސްޓޮރޭޝަން ޕްލޭން އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ.
ގަސް ކެނޑި މައްސަލައެއްގައި އެމްޓީސީސީ 5.5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ