ސަރަހައްދު ސާފުކުރުމަށް މިއަދު އިތުރު ޑައިވްއެއް ކުރަނީ: ޑައިވާސް އެލާޓް ނެޓްވޯކް

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމަށް ކުރިއަށްގެންދިޔަ ބުރަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައި، އެ ސަރަހައްދު ސާފުކުރުމަށްޓަކައި މިއަދު އިތުރު ޑައިވްއެއް ކުރާނެކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ހާމަކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ފިންލޭންޑްގެ ތަޖުރިބާކާރު ރިކަވަރީ ޓީމަކުން އިސްވެ ކުރިއަށްގެންދިޔަ މި މަސައްކަތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ޑޭން އިން ވަނީ ފާހަގަކޮށްފައެވެ.
އިއްޔެ ހެނދުނު ކަނޑުގެ ހާލަތު ރަނގަޅުވުމާއެކު ކުރިއަށްގެންދިޔަ ތިން ގަޑިއިރުގެ އޮޕަރޭޝަނުގައި، ހޮހަޅައިގެ އެންމެ އެތެރޭގައި ތިބި މީހުންގެ ހަށިގަނޑުތައް ވަނީ ބޭރަށް ނެރެ ނަގާފައެވެ. މި މަސައްކަތުގައި ހޮހަޅައިގެ ތެރޭގައި ހުރި ހަނި ގޯޅިތަކާއި، ވެލީގެ ސަބަބުން ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ޓީމުން ވަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
ފިންލޭންޑްގެ ރެސްކިއު ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ތިން ދުވަހުގެ ބުރަ މަސައްކަތަށްފަހު ހުރިހާ ހަށިގަނޑެއް މިހާރު ނެގިފައިވާ ކަމަށާއި، ހަށިގަނޑުތައް ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް“ އެވެ. އަދި މި މަސައްކަތުގައި އެހީތެރިވި ޑޭން ޔޫރަޕް، އިޓަލީ އެމްބަސީ، އެމްއެންޑީއެފް، ފުލުހުން އަދި ވޮލަންޓިއަރުންނަށް އެ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އޮޕަރޭޝަންގެ މައިގަނޑު ބައި ނިމުނު ނަމަވެސް، ފިންލޭންޑްގެ ޑައިވަރުން މިއަދު އެ ސަރަހައްދަށް ފަހު ފަހަރަށް ފީނުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ފީނުމުގެ ބޭނުމަކީ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ހޮހަޅަ ތެރޭގައި ބޭނުންކުރި ގައިޑް ލައިންތަކާއި އެހެނިހެން ސާމާނުތައް ނަގައި، އެ ސަރަހައްދު ކުރިން އޮތް ގޮތަށް އިއާދަކުރުމެވެ.
މީގެ އިތުރުން، މި ހާދިސާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށާއި، ހޮހަޅައިގެ މެޕެއް ތައްޔާރުކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށްޓަކައި އިތުރު ޑޮކިއުމަންޓޭޝަންގެ މަސައްކަތްވެސް މިއަދު ކުރިއަށްދާނެއެވެ. ޑޭން ޔޫރަޕުން ބުނެފައިވަނީ މި މުޅި އޮޕަރޭޝަނުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ޑައިވަރުންގެ ސަލާމަތާއި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ މައްޗަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ