ޖަލަށް ހުކުމްކުރި ދެ ނޫސްވެރިންގެ ޖޫރިމަނާ ދެއްކުމަށް އެމްޖޭއޭ އިން ފަންޑެއް ހުޅުވައިފި

ޖަލަށް ހުކުމްކޮށްފައިވާ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލި ނަސީރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެހީތެރިވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
އަދަދު ނޫހުގެ ޝަހުޒާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 15 ދުވަހަށް ޖަލަށް ލުމަށާއި 25،800ރ. އިން ޖޫރިމަނާ ކުރުމަށެވެ. ލީވާންގެ މައްޗަށް ހުކުމް އިއްވީ 10 ދުވަހަށް ޖަލަށް ލުމަށާއި 26،800ރ. އިން ޖޫރިމަނާކުރުމަށެވެ. 
ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކުން ޝަހުޒާން އެކައުންޓަށް ނުވަތަ ލީވާންގެ އެކައުންޓަށް ވެސް ޖަމާކުރެވިދާނެ އެވެ. 
މި ދެ ނޫސްވެރިންނަށް އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުން، ފައިސާ ފޮނުވިކަމުގެ ސްލިޕް  9737592 ނަންބަރު ފޯނަށް ފޮނުވުމަށް އެމްޖޭއިން އެދެ އެވެ.
އެ ޖަމިއްޔާއިން ބުނީ ޖޫރިމަނާ ދެއްކުމަށް ބޭނުންވާ މިންވަރަށް ފައިސާ ހަމަވުމުން އެހީ ހޯދުމުގެ ކަންކަން ހުއްޓާލާނެ ކަމަށެވެ.
ޝަހުޒާން ޖަލަށްލީ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުންނެވެ. ލީވާން ޖަލަށްލީ ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދުކުރުމުގެ ހަބަރު ހަބަރު ލިޔެގެންނެވެ. 
އަންގަބަންދުކުރުމުގެ އަމުރު ނެރުނީ އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފްގެ ދައުވާކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދަން ކަނޑައެޅުމާއެކު އެވެ. 
ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ ނުހައްގުން ޝަހުޒާން އާއި ލީވާން ޖަލަށްލިއިރު އެ ކޯޓު އަމުރާ ގިނަ ބަޔަކު ހިލާފުވެ ވާހަކަ ދެއްކި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ