ތިން ރައީސުންގެ މަސައްކަތަށް ތާއީދުކޮށް، ޕީއެންއެފުން ވެސް ގަރާރެއް ފާސްކޮށްފި
ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތްކުރެއްވުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށް، ތިން ރައީސުންގެ ނިންމެވުމަށް ފުރިހަމަ އެއްބާރުލުންދިނުމަށް، ޔާމީންގެ ޕީއެންއެފްގެ ސެނެޓުން ގަރާރެއްގައި މިއަދު ސޮއިކޮށްފިއެވެ. ޕީއެންއެފްގެ ގަރާރުގައިވަނީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައި އެ މަޖިލީހުގެ ބާރު ކަނޑުވާލައި، އަދި ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވައިލައި، "ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކަށް" ރާއްޖޭގެ މިސްރާބު ބަދަލުކޮށްލައިފައިވަނީ ސަރުކާރުން ރާވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ގަރާރުގައިވަނީ، ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ދިވެހީންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، އާންމުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލުވައިލައިފައިވާ ކަމަށެވެ. ހަމަ އެއާއެކު، ރާއްޖޭގެ އިގުތިޞާދު ހީނަރުވެ، އަމިއްލަ ވިޔަފާރިތަކާއި އިގުތިޞާދީ މަސައްކަތްތައް ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް، ސަރުކާރު ތެރޭ އިސްރާފު އިތުރުވެ، މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށް، ގަރާރުގައިވެއެވެ. މީގެ އިތުރުން، މި ސަރުކާރު ވުޖޫދުވިފަހުން ދައުލަތުގެ އެކި މުއައްސަސާތަކުގައި ކޮރަޕްޝަނާއި ވައްކަން އިތުރުވެ، އެއިން އެއްވެސް ކަމެއް ކަމާބެހޭ އިދާރާތަކަށް ނުބެލޭ ކަމަށާއި، އެއްވެސް ކަމެއް ނުބެލި ގާނޫނުގެ ބާރު ކަނޑުވައިލައިފައިވާ ކަމަށްވެސް، އެ ގަރާރުގައި ބުނެފައިވެއެވެ. އެ ގަރާރުގައިވަނީ، ފުލުހުން އޮންލައިން ނޫސް އަދަދުގެ އިދާރާ ރެއިޑްކުރުމުގެ އިތުރުން، އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރު ބަންދުކުރުމުގެ އިތުރުން، އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވައިލައި ކުރަމުން އަންނަ އިހުތިޖާޖުން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. އަދި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވައިލައި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން، ކުރި ބުރަ މަސައްކަތުން ދިވެހީން ހޯދި ޑިމޮކްރަސީގެ ހަމަތައް ފުހެވިފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން މި ސަރުކާރަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. ޕީއެންއެފްގެ ސެނެޓުގެ މިއަދުގެ ބައްދަލުވުމަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ސެނެޓަރު އަދި ގާނޫނީ ވަކީލު ޢަލީ ޝާހެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުންގެ ސޮޔާއެކު، ގަރާރު ވަނީ ފާސްކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ވަނީ، ތިން ރައީސުންނަށް ފުރިހަމައަށް އެއްބާރުލުންދޭން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ. https://sun.mv/222220 ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް ވަޑައިގަތީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ތިން ރައީސުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭ ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން -- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުންގެ ބައްދަލުކުރެއްވުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ. ހަމައެއާއެކު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި މަގުމައްޗަށް މިއަދު މައި އިދިކޮޅު ޕާޓީ އެމްޑީޕީ ނޫން އެހެން ޕާޓީއެއް ނުނިކުންނަ ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގެއްލިގެން އުޅޭއިރު، އެ ހައްގު ހޯދުމަށްޓަކައި އެމްޑީޕީއާ އެކީ މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ޔާމީން ވަނީ މިފަހުން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ