ގ. ހިޔާރޯދީގައި ހުރި ގުދަނެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާ، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހޯދައި، އަލުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސާ ހަވާލުކޮށްފިއެވެ.
ފިލައިގެން އުޅުނީ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން (29އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި އެ ގައިދީ ފިލި މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އެއަށް ފަހު އޭނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކަރެކްޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޝަހްބާން ހައްޔަރުކުރީ އަލިފާނުގެ ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ އެ ގޭގެ ތެރެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޝަހްބާން ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައިސް އެ ގެއަށް ވަދެ، އޭގެ ހަ މިނެޓު ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދެއެވެ. އޭނާ ނުކުތްތާ ހަތަރު މިނެޓު ތެރޭގައި، އެ ގެއިން ދުން އަރަން ފަށައެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، ޝަހުބާނަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އޭޕްރީލް މަހުގެ 21 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަައެވެ.
ބަންދުގައި ހުއްޓައި ފިލި މީހާ ހޯދައި ކަރެކްޝަންސްއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ