ލަންޑަން (މެއި 27) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި ނިންމި ޗެލްސީ އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން ނުފެންނާނެ އެވެ. އެހެންވެ، އުމުރުން 25 އަހަރުގެ ފެނާންޑޭޒް ވަނީ، އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބްގެ މެނޭޖްމަންޓަށް އަންގައިފަ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން ބަލިވެ، ޗެލްސީ މުބާރާތުން ކެޓި މެޗަށް ފަހު، އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި އެންޒޯ ބުނެފައިވަނީ، އަންނަ ސީޒަނުގައި ޗެލްސީގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ. އަދި، އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އާޖެންޓީނާގެ މީޑިއާ އަަކަށް ދިން އިންޓަވިއުއެއްގައި ވެސް އެންޒޯ ވަނީ މުސްތަގުބަލާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ޗެލްސީގެ ކޯޗަކަށް އޭރު ހުރި ލިއަމް ރޮސެނިއާ ވަނީ އެންޒޯ އަށް ފިޔަވަޅު އަޅައިފަ އެވެ.
އަލުން ޗެލްސީ ޓީމުން އެންޒޯ އަށް ފުރުސަތު ދިން ނަމަވެސް، ސީޒަން ނިމުމާ އެކު، އޭނާ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. މި ސީޒަނުގައި ޗެލްސީ އަށް 15 ގޯލު ޖަހައިދީ ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންޒޯ، ޗެލްސީއާ އެކު ކޮންޓްރެކްޓްގައި ހުރީ 2032 ވަނަ އަހަރުގެ ޖޫން މަަހުގެ ނިޔަލަށެވެ.
އެކަމަކު، އެންޒޯގެ އޭޖެންޓް، ހަވިއޭ ޕަސްޓޯރޭ އަންނަނީ ރެއާލާ އެކު ޓްރާންސްފާގެ މަޝްވަރާތަކެއް ކުރިއަށްގެންދަމުންނެވެ. އަދި، ރެއާލްގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާ ހޯސޭ މޮރީނިއޯ ވެސް ވަނީ އެންޒޯއާ ވާހަކަ ދައްކާފައި ކަަމަށް ޕޯޗުގީސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި، އެންޒޯ، 21، ގަންނަން ޗެލްސީން ކުރި މަސައްކަތް ހުއްޓައިނުލައި، އެކަން ކާމިޔާބުކުރީ، އެ އަހަރުގެ ޖެނުއަރީ ޓްރާންސްފާގެ ފަހު ވަގުތުގަ އެވެ. ޗެލްސީން ވަނީ އެންޒޯ ގަންނަން ދައްކަން ޖެހޭ 130 މިލިއަން ޑޮލަރު ބެންފީކާ އަށް ދައްކައިފަ އެވެ. އެއީ، އެ ވަގުތަށް ބަލާއިރު އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރި އެންމެ ބޮޑު ހޭދަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން އެންޒޯ ވިއްކާނީ ވެސް މަދުވެގެން، 130 މިލިއަން ޑޮލަރު ލިބޭ ޑީލެއްގެ ދަށުންނެވެ.
ޗެލްސީ ދޫކޮށްލައި އެންޒޯގެ އަމާޒުހުރީ ރެއާލަށް: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ