ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ރޭންކިން ފަހު މެޗުގައި ބަންގްލަދޭޝް އަތުން ފަހަތުން އަރައި ރާއްޖެ މޮޅުވެއްޖެ

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ރޭންކިން ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ފަހަތުން އަރައި، ރާއްޖެ 3-1 ސެޓުން މޮޅުވެއްޖެ އެވެ. 
މި މެޗަށް ނުކުތްއިރު، މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް ވަނީ ސެޓެއް ވެސް ނުލިބި ބަލިވެފަ އެވެ. މި މެޗުން މޮޅުވެ، ރާއްޖޭން މުބާރާތް ނިންމާލީ އަށް ގައުމު ވާދަކުރި މުބާރާތުގެ ހަތް ވަނައިގައި އޮވެ އެވެ. އެންމެ ފުލަށް ބަންގްލަދޭޝް ދިޔައިރު، ހަ ވަނައިގައި އޮތީ ސްރީ ލަންކާ އެވެ. އަދި، ފަސް ވަނައިގައި އޮތީ މިއަދު ރޭންކިން މެޗުން ލަންކާ ބަލިކުރި ކިރްގިސްތާން އެވެ. ކިރްގިސްތާން މޮޅުވީ 3-1 ސެޓުންނެވެ. 
މި ފަހަރުގެ މުބާރާތުގެ ތެރެއިން، ދުނިޔޭގެ  ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ރޭންކިން އިން ރާއްޖެ ޖާގަ ހޯދިިއިރު، ފުރަތަަމަ އޮތީ 63 ވަނައިގަ އެވެ. އެކަމަކު، ގްރޫޕްގެ ތިން މެޗާއި ރޭންކިން ފުރަތަމަ މެޗުން ބަލިވުމުން، މިއަދުގެ މެޗާ ކުރިމަތިލިއިރު، އޮތީ 73 ވަަނައިގަ އެވެ. އަދި، މިއަދު ރާއްޖެއާ ކުޅުނު ބަންގްލަދޭޝް އޮތީ 76 ވަނައިގަ އެވެ. މިއަދުގެ މެޗުން ރާއްޖެ މޮޅުވުމުން، ރާއްޖެ ވަނީ 70 ވަނަ އަށް ޖެހިލައިފަ އެވެ.
މި ރޭންކިންގައި އޮތީ ޖުމްލަ އެކު، 94 ގައުމެވެ. ރޭންކިން މެޗުތަކަށް ފަހު، ލަންކާ އޮތީ 78 ވަނައިގަ އެވެ. އަދި، އެއް ދަރަޖަ ފަހަތުގައި އޮތީ ބަންގްލަދޭޝް އެވެ. 
ބަންގްލަދޭޝް އިން މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ، 27-25 އިންނެވެ. އެކަމަކު، ރާއްޖޭން ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެން މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ރާއްޖޭން އެ ސެޓުތައް ގެންދިޔައީ، 11-25، 17-25 އަދި 12-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އެވެ. 
ރޭންކިން ބުރަށް ފަހު މާދަމާ އޮންނާނީ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކެެވެ.
ކާވާ ވިމެންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަަތަމަ މެޗުގައި އިންޑިއާ އާއި ކަޒަކްސްތާން ބައްދަލުކުރާއިރު، ދެ ވަނަ މެޗުގައި ނޭޕާލް ނުކުންނާނީ އިރާނާ ދެކޮޅަށެވެ. ސެމީ ފައިނަލް މެޗުތައް އޮތީ ބުރާސްފަތި ދުވަހު އެވެ. ފައިނަލް މެޗު އޮތީ ހުކުރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ