ވޯލްޑް ކަޕް 2026: ޕުލިސިޗް އާއި އެޑަމްސް ހިމަނައިގެން އެމެރިކާ ސްކޮޑު އިއުލާނުކޮށްފި

މި އަހަރުގެ ވޯލްޑް ކަޕަށް ނެރުނު އެމެރިކާގެ 26 ކުޅުންތެރިންގެ ސްކޮޑު, ހެޑް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އިޢުލާންކޮށްފިއެވެ. މި ސްކޮޑުގެ އެންމެ ކުރީގައި ތިބީ ތަރިން ކަމަށްވާ ކްރިސްޓިއަން ޕުލިސިޗް، ޓައިލާ އެޑަމްސް އަދި ވެސްޓަން މެކެނީއެވެ. އަމިއްލަ ގައުމުގައި ބާއްވާ މި މުބާރާތުގައި އެމެރިކާއިން އުންމީދު ކުރަނީ ބޮޑު ކާމިޔާބީއަކަށެވެ. މި ފަހަރުގެ ސްކޮޑު އެކުލެވިގެންވަނީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ 13 ކުޅުންތެރިންނާއި، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު 13 ކުޅުންތެރިންގެ މައްޗަށެވެ. މީގެ ތެރޭގައި ގަތަރު ވޯލްޑް ކަޕްގައި އެމެރިކާއަށް ލަނޑު ޖަހައިދިން ޕުލިސިޗް، ޓިމް ވިއާ އަދި ހާޖީ ރައިޓް ހިމެނެއެވެ. ކޯޗު ޕޮޗެޓީނޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ވޯލްޑް ކަޕްގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ އެންމެ މޮޅު 26 ކުޅުންތެރިން ކަމުގެ އިތުބާރު އެބައޮތް" ކަމަށެވެ. އަދި 26 ކުޅުންތެރިން ހޮވުމަކީ ވަރަށް އުނދަގޫ ކަމެއް ކަން ފާހަގަކުރަމުން ޕޮޗެޓީނޯ ބުނީ އުނދަގޫ ނިންމެއް ވިޔަސް ސްކޮޑަށް ނަގާފައި އެވަނީ ގައުމު ފަޚުރުވެރިވާފަދަ ކުޅުމެއް ދެއްކޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. ސްކޮޑުގެ މުހިންމު ބަދަލުތައް އެމެރިކާ ގައުމީ ފުޓުބޯޅ ޓީމުގެ ކުޅުންތެރިން.... ފޮޓޯ/ އެންވައި އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޕުލިސިޗް އަކީ އަދިވެސް ޓީމުގެ އެންމެ މަޝްހޫރު އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. އަދި 2022 ގެ ވޯލްޑް ކަޕްގައި ކެޕްޓަންކަން ކުރި ޓައިލާ އެޑަމްސް ޓީމުގެ މެދުތެރެއަށް ވަރުގަދަކަން ގެނެސްދޭނެއެވެ. މީގެ އިތުރުން ބޮރޫޝިއާ މޮންޗެންގްލަޑްބަކްގައި މި ސީޒަނުގައި މާ ގިނަ މެޗުތަކެއް ކުޅެން ނުލިބުނު ނަމަވެސް، ޖިއޯ ރޭނާ ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި މެކްސިކޯގެ ކްލަބް އެމެރިކާގައި މޮޅު ކުޅުމެއް ދެއްކި އަލެހަންދްރޯ ޒެންޑޭޖަސް ވެސް ވަނީ 26 ކުޅުންރިންގެ ސްކޮޑުން ޖާގަ ހޯދާފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން ޑިއޭގޯ ލޫނާ އާއި ލިޔޯންގެ މިޑްފީލްޑަރު ޓެނާ ޓެސްމަންއަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ. އަދި ޖެނުއަރީ މަހު އިންގްލެންޑް ދޫކޮށް އަނބުރާ އުތުރު އެމެރިކާއަށް ބަދަލުވި ނޮރިޗްގެ ކުރީގެ ފޯވާޑް ޖޯޝް ސާޖަންޓް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. އެމެރިކާގެ 26 ކުޅުންތެރިންގެ ސްކޮޑު: ގޯލްކީޕަރުން: ކްރިސް ބްރޭޑީ (ޗިކާގޯ ފަޔަރ)، މެޓް ފްރީޒް (ނިއު ޔޯކް ސިޓީ އެފްސީ)، މެޓް ޓާނާ (ނިއު އިންގްލެންޑް ރިވޮލިއުޝަން) ޑިފެންޑަރުން: މެކްސް އާފްސްޓަން (ކޮލަމްބަސް ކްރޫ)، ސާޖީނިއޯ ޑެސްޓް (ޕީއެސްވީ އެއިންދޯވަން)، އެލެކްސް ފްރީމަން (ވިޔަރެއާލް)، މާކް މެކެންޒީ (ޓޫލޫސް)، ޓިމް ރީމް (ޝާލޮޓް އެފްސީ)، ކްރިސް ރިޗަޑްސް (ކްރިސްޓަލް ޕެލަސް)، އެންޓަނީ ރޮބިންސަން (ފުލަމް)، މައިލްސް ރޮބިންސަން (އެފްސީ ސިންސިނާޓީ)، ޖޯ ސުކާލީ (ބޮރޫޝިއާ މޮންޗެންގްލަޑްބަކް)، އޮސްޓިން ޓްރަސްޓީ (ސެލްޓިކް) މިޑްފީލްޑަރުން: ޓައިލާ އެޑަމްސް (އޭއެފްސީ ބޯންމަތް)، ސެބަސްޓިއަން ބާހަލްޓާ (ވެންކޫވާ ވައިޓްކެޕްސް)، ވެސްޓަން މެކެނީ (ޔުވެންޓަސް)، ޖިއޯ ރޭނާ (ބޮރޫޝިއާ މޮންޗެންގްލަޑްބަކް)، ކްރިސްޓިއަން ރޮލްޑާން (ސިއެޓްލް ސައުންޑާސް)، މާލިކް ޓިލްމަން (ބަޔާ ލެވަކޫސަން) ފޯވާޑުން: ބްރެންޑަން އާރޮންސަން (ލީޑްސް ޔުނައިޓެޑް)، ފޮލަރިން ބަލޯގަން (މޮނާކޯ)، ރިކާޑޯ ޕެޕީ (ޕީއެސްވީ އެއިންދޯވަން)، ކްރިސްޓިއަން ޕުލިސިކް (އޭސީ މިލާން)، ޓިމް ވިއާ (މާސޭ)، ހާޖީ ރައިޓް (ކޮވެންޓްރީ ސިޓީ)، އަލެހަންދްރޯ ޒެންޑެހަސް (ކްލަބް އެމެރިކާ) މިފަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާގައި 1994 ވަނަ އަހަރުގެ ފަހުން ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މި މުބާރާތް އެމެރިކާއިން ބާއްވަނީ މެކްސިކޯ އަދި ކެނެޑާއާ ގުޅިގެންނެވެ. އެމެރިކާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 12 ވަނަ ދުވަހު ލޮސް އެންޖެލެސް ކައިރީގައި އޮންނަ ސޯފައި ސްޓޭޑިއަމްގައި ޕެރަގުއޭއާ ދެކޮޅަށެވެ. ވެސްޓަން މެކެނީ ބުނި ގޮތުގައި، މިއީ އެމެރިކާގައި އާ ޖީލަކަށް ފުޓްބޯޅައަށް ލޯބިޖެއްސުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ