މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް ވައްދަން އުޅުނު 5 ޑްރޯން ހިފަހައްޓާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޖަލަށް ވެއްދުން މަނާތަކެތި ކޮންޓްރޯލްކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.
ޖަލުތަކުގެ ސެކިއުރިޓީއާއި މެދު އާންމުންގެ މެދުގައި އަބަދުވެސް ކަންބޮޑުވުން އޮވެއެވެ. ސްކޭމްގެ ބޮޑެތި މައްސަލަތަކުގައި އާންމުންގެ އެތައް ސަތޭކަ ފައިސާއެއް ގެއްލުމުގެ ޝަކުވާ ބޮޑުވެފައިވާއިރު މިފަދަ ގިނަ ކުށްތަކަށް އަރައިގަންނަނީ ޖަލުތަކުގައި ތިބޭ ގައިދީންކަންވަނީ ފާހަގަވެފައެވެ. ޖަލުތަކުން ފޯނާއި އެނޫންވެސް ޑިވައިސްތަކާއި މަސްތުވާތަކެތި ވެއްދުމުގެ ކުށްތައް އިތުރުވެފައިވާއިރު މިކަން ކޮންޓްރޯލްކުރުމަށް މާބޮޑެތި މަސައްކަތްތަކެއް ވޭތުވެދިޔަ ތަނުގައި ކުރެވިފައެއް ނުވެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ރާއްޖޭގައި ނިޒާމީގޮތެއްގައި ޖަލުތައް ހިންގަން ފެށިފަހުން މިވޭތިވެދިޔަ ދިގު މާޒީގައި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެދެވޭގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. ކުށް ކުރާ ފަރާތްތަކުން ޒަމާނީ ޓެކްނޮލިޖީގެ ވަޞީލަތްތައް ކުށަށް އަރައިގަތުމަށް ބޭނުންކުރަމުންދާއިރު ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް އެކަން ހުއްޓުވުމަށް ބޭނުންވާ ވަޞީލަތް ހޯދައި ނުދެވި ހުރިކަމުގެ ކަންބޮޑުވުންވަނީ ފާޅުކުރައްވާފައެވެ.
"އެ ތަކެތި ވެއްދުމަށް ބޭނުންކުރަނީ އަޑެއް ނުހުންނަ ޑްރޯންތަކެއް. އަދި އަޅުގަނޑުމެންގެ ނެތް އިންސްޓޯލްކުރެވިފައި މިހުއްޓުވޭނެ ގޮތެއް. ރައީސްގެ އިސްނެންގެވުމާއެކު އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް މިކަން ހައްލުވެގެންދާނެހެން. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން. މިދިޔަ ރަމަޟާން މަހުން ފެށިގެން މިއަދާހަމައަށް 5 ޑްރޯން އަޅުގަނޑުމެން ހިފަހައްޓައިފިން." ޒަރީރު ވިދާޅުވިއެވެ.
ރަމަޟާން މަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ޑްރޯންތައް ހިފަހައްޓާފައިވަނީ، ސެކިއުރިޓީ ބެލެހެއްޓުމަށް 24 ގަޑިއިރު ތިބޭ އޮފިސަރުންގެ ހުޝިޔާރުކަމާއެކުކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ޤާއިމުކޮށްފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގައެވެ. އަދި ބަގޭޖް ސްކްރީންކުރުމަށް ބޭނުންވާ ސިސްޓަމް މިހާރު ގެނެސްފައިވާކަމަށާއި، އިންސްޓޯލްކުރުމުގެ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ޖަލުތަކުގެ ސެކިއުރިޓީއާއި ޖާގަ އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު ސެންޓްރަލް ޖަލެއް ޤާއިމުކޮށް، ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖަލަށް ވައްދަން އުޅުނު 5 ޑްރޯން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ