ހަގީގީ ޗެމްޕިއަނަކީ ބަންގްލަދޭޝް ކަމަށްބުނެ ކޯޗުގެ ފާޑުކިޔުން ދިވެހި ފުޓުބޯޅައަށް

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ވާދަކޮށް 1-1 އިން އެއްވަރުވެ، މުބާރާތުން ކެޓުމުން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު މައުރޫފުލް ހައްގު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ. ރާއްޖެ އަތުން މޮޅުވެގެން ފައިނަލަށް ދެވެން އޮތް ބަންގްލަދޭޝް މި ނަތީޖާއާއެކު މުބާރާތުން ކެޓިއިރު، ފައިނަލުގެ ފަހު ޖާގަ ލިބުނީ މެޗަށް ބަލަބަލައި ތިބި އަފްގާނިސްތާނަށެވެ. މުބާރާތުގެ އެއްވަނަ ހޯދި ޕާކިސްތާނާއެކު އަފްގާނިސްތާން ފައިނަލަށް ދަތުރުކުރިއިރު، ތިން މެޗުން އެންމެ ޕޮއިންޓަކާއެކު ރާއްޖެ ނިންމާލީ ތާވަލުގެ އެންމެ ފުލުގައެވެ. ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު މައުރޫފުލް ހައްގުގެ އިތުރުން އޮފިޝަލުން-- ފޮޓޯ: އެފްއޭއެމް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު މައުރޫފުލް ހައްގު ވަނީ، ބަންގްލަދޭޝް މުބާރާތަށް އައީ ހަމައެކަނި ތަޖުރިބާ ހޯދަން ނޫން ކަމަށާއި، އަމާޒަކީ ޗެމްޕިއަންކަން ހޯދުން ކަމަށް ބުނެފައެވެ. އަދި އޭނާގެ ނަޒަރުގައި މި މުބާރާތުގެ ހަގީގީ ޗެމްޕިއަނަކީ ބަންގްލަދޭޝް ކަމަށާއި، އެކަން އެގޮތަށް ދިމާނުވީ ފުރަތަމަ މެޗުން ފެށިގެން ރެފްރީން ގަސްދުގައި އެ ޓީމާ ދެކޮޅަށް ނާއިންސާފުން ނިންމުންތައް ނިންމަމުންދިއުމުން ކަމަށް ތުހުމަތުކުރިއެވެ. މީގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅަ ދަށަށްދާ އެއް ސަބަބަކީ މިއަދުގެ މެޗުން ފެނުނު ކަންތައްތައް ކަމަށް ފާހަގަކޮށް، ރާއްޖެއިން އަސްލު ޓެސްޓުތަކާއި ޗެލެންޖުތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ބުންޏެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއިރު، ސަޕޯޓަރުން ދަނޑަށް އަރައި މާރާމާރީ ހިންގުމުން ކަންކަން ކޮންޓްރޯލް ކުރަން ފުލުހުންނަށް ޖެހުނެވެ. މެޗު ނިމުމުން ރެފްރީން ދަނޑުން ބާލަންޖެހުނީ ސެކިއުރިޓީގެ އެހީގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މައުރޫފުލް މާފަށް އެދުނުއިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނުނު ބައެއް އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު-- ފޮޓޯ: އެފްއޭއެމް މައުރޫފުލް އިތުރަށް ބުނީ، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ބަންގްލަދޭޝްގެ ސީނިއާ ޓީމު ގޮވައިގެން ރާއްޖެއާ ކުޅުނުއިރު ފެނުނު ދިވެހި ޓީމަކީ މިހާރުގެ ޓީމަށްވުރެ ފިޓްނަސްއާއި، ޓެކްޓިކަލް އަދި ވިސްނުމުގެ ގޮތުން މާ މޮޅު ޓީމެއް ކަމަށެވެ. އެހެންނަމަވެސް، މި މުބާރާތުން ޒުވާން ކުޅުންތެރިންނަށް ލިބުނު ތަޖުރިބާގެ ބޭނުން މުސްތަގުބަލުގައި ކުރެވޭނެ ކަމަށް އޭނާ އުންމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ