ރައީސް މުއިއްޒަށް ނޭވާލެވެނީ އެމްޑީޕީ ކަންނެތް ވީމާ، އެ ޕާޓީ ވަރުގަދަވާން ޖެހޭ: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނޭވާލެވެނީ އެމްޑީޕީ ކަންނެތްވީމާ ކަމަށާއި އެ ޕާޓީ ވަރުގަދަވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރައްވަން ޔާމީނާއި އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ޞާލިޙް އަދި މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. ޔާމީންގެ ޕީއެންއެފާއި އެމްޑީޕީން ވެސް ވަނީ އެ މަސައްކަތުގައި އެއްބާރުލުންދޭން ނިންމާފައެވެ. ޕީއެންއެފްގެ ޓައުންހޯލް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރާ ދެކޮޅަށް ޕީއެންއެފުން ކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. "އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ އިންތިޚާބުތަކުން. އެހެންވީމާ ކުރެވޭ މަސައްކަތް އާރުލާ،" ޔާމީން ވިދާޅުވިއެވެ. "މި ބޭފުޅުން [ސަރުކާރުން] މި ކުރާ މަސައްކަތުގައި އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކުރިމަގެއް އޮތް ކަމަކަށް. އެއީ އިގުތިސާދާ ބެހޭ ގޮތުން ފިޗް ރޭޓިންއަށް ކަމަށްވިޔަސް، ބާއްވާ ބައި-އިލެކްޝަނެއް ކަމަށްވިޔަސް، އަދި އެހެން ކަމެއް ވިޔަސް ނުފެނޭ ނޫންތޯ ކުރިހޯއްދަވާ ތަނެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވަނީ އެމްޑީޕީ ވަރުގަދަކުރަން ގޮވާލައްވާފައި -- ފޮޓޯ/ ޕީއެންއެފް އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމެއްގައި ވެސް ބަލިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. މިއީ އެ މަނިކުފާނުގެ ޕީއެންއެފްއިން ކުރާ ސިޔާސީ މަސައްކަތާ އެއްވަރުގެ މަސައްކަތެއް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ކުރަންވީ ވަގުތު ކަމަށް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ އެމްޑީޕީން އެ މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. "ރާއްޖޭގައި ރަސްމީކޮށް މި އޮތް އޮޕޮޒިޝަނަކަށް މި އޮތީ އެމްޑީޕީ. ދެން އެމްޑީޕީން ކީއްވެތޯ މި މަސައްކަތް ނުކުރަނީ؟ އެ ބޭފުޅުން އިންތިޒާމުވާންޖެހޭ. އެ ބޭފުޅުންގެ ޕާޓީއަކީ ބައިބޯ، އަނެއްކާ އިލްމީ މީހުންތަކެއް ތިބި ޕާޓީއެއް،" އެ މަނިކުފާނު ގޮވާލެއްވިއެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް ނޭވާލެވެނީ އެމްޑީޕީ ކަންނެތް ވުމުން ކަމަށެވެ. އެހެންވެ، ކުޑަކުޑަ ޕާޓީއެއްގެ ގޮތުގައި އޮވެ ޕީއެންއެފްއިން ކުރާ މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެމްޑީޕީން ހަރުދަނާކޮށް، ވަރުދަކުރަން އެ މަނިކުފާނު ވަނީ އެ ޕާޓީއަށް އިލްތިމާސްކޮށް، ހިތްވަރުދެއްވާފައެވެ. https://sun.mv/222347 "މިހާރު މި ފެނިގެންދަނީ މުއިއްޒަށް މި ބްރީތް ކުރެވެނީ ނޫނީ ނޭވާލެވެނީ އެމްޑީޕީ ސްލެކް (ކަންނެތް) ކަމުން. އެ ބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ،" ޔާމީން ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔާމީން މި ފަދައިން ވިދާޅުވިއިރު ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީ ނިންދަވާފައި ބާއްވަން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ އެމްޑީޕީ ނިދިން ހޭލައްވާ، ގަދައަށް ހިންގާލަން އެ މަނިކުފާނު ހޮވަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ ކެމްޕޭންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރީގެ ރައީސް ޞާލިޙާ އެކު، ދެން ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކައިލް އަހުމަދު ނަސީމް ވެސް އަންނަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ އަޑުމަޑުކަމަށް ބުނެ، މީގެ ކުރިން ވެސް ސިޔާސީ ބޭފުޅުންގެ ކަންބޮޑުވުން ބޮޑުވިއެވެ. މިހާރު އުފެދިފައި އޮތް އެތެރޭގެ ވާދަވެރިކަމާ އެކު އަނެއްކާ ވެސް އާ ޗެއާޕާސަނާ އެކު ސިޔާސީ ހަރަކާތްތައް ވަރުގަދަކުރެވޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ