އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަނާވާނެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ވަނީ މިކަމާ ގުޅޭ "ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު" އާންމުކޮށްފައެވެ.
ޕްލާސްޓިކަކީ ރާއްޖޭގެ ތިމާވެއްޓަށާއި އާންމު ސިއްޙަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ އެއްޗެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ލިސްޓަށް ސުޕާރީ ޕެކެޓު އިތުރުކުރައްވައި ޖުމްލަ 14 ބާވަތެއް މަނާކުރައްވާފައެވެ.
އަލަށް އާންމުކުރި ގަވާއިދުގެ ދަށުން، މަނާކޮށްފައިވާ ބާވަތްތައް އެތެރެކޮށް، ވިއްކާ ނުވަތަ ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ފުރަތަމަ ފަހަރު ނަސޭޙަތް ދިނުމަށްފަހު ދޫކޮށްލި ނަމަވެސް، ދެވަނަ ފަހަރު ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ގަވާއިދުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 1 ލައްކަ ރުފިޔާއެވެ.
މި ލިސްޓުގައި ހިމެނޭ ބައެއް ތަކެއްޗަށް ވަނީ ވަކި މުއްދަތުތަކެއް ދީފައެވެ. އެގޮތުން 1 ލީޓަރަށްވުރެ ކުދި ފެންފުޅި ރާއްޖޭގައި އުފެއްދުން 2027 ވަނަ އަހަރަށް އަދި ބާޒާރަށް ނެރުން 2028 ވަނަ އަހަރަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް، އާންމުކޮށް ބާޒާރުކުރުމުގައި ބޭނުންކުރާ 30 ސެންޓިމީޓަރުގެ ކުދި ކޮތަޅު ސެޕްޓެމްބަރު މަހުން ފެށިގެން ބޭނުންކުރުން މަނާވާނެއެވެ.
ސަރުކާރުގެ އަމާޒަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެއިން އެއްކޮށް ހުއްޓުވުމެވެ. މިކަމަށްޓަކައި ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވާ ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް ފަރުދީ ފެންވަރުގައިވެސް ޕްލާސްޓިކާ ދުރަށް ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ކުދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ސެޕްޓެމްބަރު މަހުން ފެށިގެން މަނާވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ