ވަތަނީ ޚިދުމަތުން 137 ދަރިވަރަކު ސިފައިންގެއަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 137 ދަރިވަރަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފިއެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, ދިވެހި ވަޠަނީ ޚިދުމަތް ފަށައިފައިވަނީ އަމިއްލަ ނަފުސަށް އިތުބާރުކުރާ, އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮމ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ކަމަށެވެ. އޭގެ ތެރެއިން ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކޯހުން އެކި ވަނަތައް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް ރައީސް ވަނީ އައްސަރިބަހާއި ސާބަސް ވިދާޅުވެފައެވެ. https://x.com/MMuizzu/status/2065688629847204275 މޯލްޑިވްސް ނޭޝަނަލް ސާވިސް، ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގައި ހިމެނޭ 352 ޒުވާނުން ތަމްރީނަށް ފުރީ މިމަހުގެ އަށްވަނަ ދުވަހުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާގާއި ސުލޫކުގެ އިތުރުން، ލީޑާޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެ ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް، ރައީސް ވަނީ ވިދާޅުވެފައެވެ. https://x.com/MNDF_Official/status/2065058377018056715 ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުން ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ