18 އަހަރު ޚިދުމަތްކުރި ސަތީޝްގެ ވަކިވުން: އަސަރުނުކުރާ ދަރިވަރެއް ނެތް، މުޅި ރަށުގައި މޮޅިވެރިކަން!

ލ. ގަމުގައި ހުންނަ ހަމަދް ބިން ޚަލީފާ އަލް ތާނީ ސްކޫލްގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ތަޖުރިބާކާރު ބައިލޮޖީ ޓީޗަރު، އިންޑިއާގެ ސަތީޝް ގޮޕިނާތަން އިއްޔެ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މުޅި ރަށަށް ވަނީ ބޮޑު ސިހުމަކާއި މޮޅިވެރިކަމެއް ވެރިވެފައެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުޅި ރަށުގެ ލޯބި ހޯދާފައިވާ ސަތީޝް ނިޔާވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. ސަތީޝް ވަކިވުމާއި ގުޅިގެން މުޅި ރަށަށް މޮޅިވެރިކަން ވެރިވެފައިވާއިރު، ހަމަދް ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ޝަރީފު "ސަން" އަށް ވިދާޅުވީ އެ ޓީޗަރަކީ ރަށުގެ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ނަމޫނާ ޓީޗަރެއް ކަމަށެވެ. ޝަރީފު ވިދާޅުވީ ސަތީޝްއަކީ ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ޓީޗަރެއްގެ އިތުރުން މުޅި ސްކޫލުގެ ހުރިހާ ކަމެއްގައި ވެސް އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ، ހަރަކާތްތެރިވަމުން އައި ޓީޗަރެއް ކަމަށެވެ. ޝަރީފު ވިދާޅުވި ގޮތުގައި ސަތީޝް އަކީ މުޅި ސްކޫލަށް ބެލިނަމަވެސް މުޅި ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުންގެ އިތުރުން މުވައްޒަފަފުންނަށް ވެސް ނަމޫނާ ހިތްހެޔޮ ޓީޗަރެއް ކަމަށެވެ. އަދި ސަތީޝް އަކީ ވަރަށް މޮޅު ޓީޗަރެއް ކަމަށާއި ކިޔަވައިދިން އަދި ކިޔަވައިދެއްވާ ހަމަ ކޮންމެ ދަރިވަރަކަށް ވެސް ރަނގަޅު ނަތީޖާ ނެރެދެއްވި ޓީޗަރެއް ކަަމަށެވެ. "ގެއްލިގެން އެދިޔައީ ނަމޫނާ ޓީޗަރެއް. ސަތީޝް ވަކިވުމުން މުޅި ސްކޫލާއި މުޅި ރަށުގެ ރައްޔިތުން ރޮއްވާލައިފި. ސަތީޝް އަކީ އެފަދަ ދެވަނައެއް ނެތް ނަމޫނާ އަދި މޮޅު ޓީޗަރެއް. ދަރިވަރުންދެކެ ވަރަށް ލޯބިވާ އަދި ނަތީޖާ ނެރެދެއްވާ ޓީޗަރެއް. މުޅި ރަށް އޮތީ އަދިވެސް އެކަމުގެ ހިތާމައިގައި." ހަމަދު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިލް މުޙައްމަދު ޝަރީފު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ސަތީޝް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހުރިހާ ޓެސްޓުތަކެއް ވެސް ވަނީ މާދަމައަށް ފަސްކޮށްފައެވެ. "ސްކޫލުގެ ޓެސްޓުތައް ވެސް ފެށެން ތައްޔާރުވެފައި ވަނިކޮށް ކުރިމަތިވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެކަމުގެ ހިތާމައިގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ހުރިހާ ޓެސްޓުތަކެއް ވަނީ މާދަމާއަށް ފަސްކޮށްފައި،" ޝަރީފު ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަތީޝް ނިޔާވީ އިއްޔެ ހަވީރު 4:00 ގައި އޮތް ޓިއުޝަން ކްލާހެއްގައި ހުއްޓާ ބޮލުގައި ރިއްސާތީ ގެއަށް ދިޔަ ފަހުންނެވެ. އޭގެ ފަހުން ޖެހިގެން އޮތް ކްލާހަށް ނުގޮސް، އޭނާ ހަބަރެއް ނުވެގެން ބެލިއިރު، ދިރިއުޅޭ ކޮޓަރީގައި ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ ނިޔާވެފައެވެ. ސަތީޝްގެ މޫނު ބެލުމަށް އިއްޔެ ގިނަ އަދަދެއްގެ ރަށުގެ ރައްޔިތުން ވަނީ ހޮސްޕިޓަލަށް ޖަމާވެފައެވެ. "ސަން" އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވީ އޭނާގެ ހަޔާތުގައި ވެސް މީހަކު މަރުވެގެން މޫނު ބަލަން އެހާ ގިނަ މީހުން ކިއޫ ހަދާފައި އޮތް ތަނެއް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ މެދުގައި ސަތީޝްއަށް އޮތް އިހުތިރާމް ހާމަކޮށްދޭ ކަމެއްކަމަށް ވެސް އަފްސަލް ވިދާޅުވިއެވެ. ހަމަދް ސްކޫލުގެ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ، ސަތީޝް ވަނީ 18 އަހަރާއި 9 މަސް ދުވަހު އެ ސްކޫލަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ. ދެހާސް އަށްވަނަ އަހަރު އެ ސްކޫލާ ގުޅުނު ސަތީޝަކީ އެތައް ޖީލެއްގެ ދަރިވަރުންނަށް އޭނާގެ އިލްމާއި އޯގާތެރިކަން ފޯރުކޮށްދީފައިވާ ބޭފުޅެކެވެ. ސްކޫލުން ބުނި ގޮތުގައި އޭނާގެ ލެގަސީ ދަންނަ އެންމެންގެ ހިތްތަކުން ދުވަހަކު ވެސް ފުހެވިގެން ނުދާނެއެވެ. ސަތީޝްގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި ބައެއް ޓެސްޓުތައް ހެދުމަށްފަހު، ހަށިގަނޑު އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ