މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ: 50،000ރ. ގެ ސަޕްރައިޒެއް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ގޮސްގެން 50،000ރ. ސަޕްރައިޒް ގްރޭންޑް ޕްރައިޒެއް ލިބޭނެ ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ އެމްއެމްއޭއިން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ އެކްސްޕޯ މިރޭ 10:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.
މީގެ ކުރިން ގްރޭންޑް ޕްރައިޒްގެ ގޮތުގައި އޮތީ 25،000ރ. ގެ އިނާމެކެވެ.
އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު ފަސް އައިޕެޑް އިނާމު އަންނަނީ ދޫކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު 5،000ރ. ގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދެ މެކްބުކާއި ދެ އެޕަލް އެއާޕޮޑްގެ އިތުރުން ގެސްޓްހައުސްއެއްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެއް ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެ އެވެ.
މި އިނާމުތަކުގެ އިތުރުން، 5،000ރ. ތިން ގިފްޓް ކާޑާއި 1،000ރ. ގެ 12 ގިފްޓް ކާޑުގާއި 500ރ. ގެ 36 ގިފްޓް ކާޑު ވެސް އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ލިބޭނެ އެވެ.
މި އިނާމްތައް ދެނީ އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުންނެވެ.
އެކްސްޕޯ ކުރިއަށްދަނީ ކުޑަކުދިންނަށް ހާއްސަ ހަވީރާއި ފުޑް ފެސްޓިވަލާ އެކު އެވެ. އަދި މިރޭ ވެސް 10:00 ގައި ހަވާއެރުވުގެ ހަރަކާތް އޮންނާނެ އެވެ.
ފައިނޭންޝަލް އެކްސްޕޯގައި މާލީ ދާއިރާގެ 38 ފަރާތަކުން ބައިވެރިވެ އެވެ. އެ އެކްސްޕޯގެ ބޭނުމަކީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދީ، މާލީ ހޭލުންތެރިކަމާއި އާ އީޖާދުތައް ދައްކާލުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ