ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމާއި، ބިން ވިއްކުމާއި އަދި ބިމަށް ގެންނަ ބަދަލުތަކާ ގުޅޭ ފީތަކުގެ ގޮތުގައި ވޭތުވެދިޔަ އަހަރު ދައުލަތަށް 120 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ.
ފައިނޭންސް މިނިސްޓްރީން ނެރުނު 2025 ވަނަ އަހަރުގެ ބަޖެޓް އައުޓްކަމް ރިޕޯޓުގައި ވާގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 18 ރިސޯޓު އޮޕަރޭޓަރަކު ވަނީ އެ ފަރާތްތަކުގެ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދައްކާފައެވެ. މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅިގެން ބިން ވިއްކުމާއި ބިމަށް ގެންނަ ބަދަލުތަކުގެ ފީގެ ގޮތުގައި 15 ޑިވެލޮޕަރަކު ޖުމްލަ 196 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ކުރިން އަމަލުކުރަމުންދިޔަ ޓޫރިޒަމްގެ ޤާނޫނުގެ ދަށުން، ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ. އަދި މި ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމަންޖެހޭއިރު، އެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ ކޮންމެ އަހަރަކަށް ދައްކަންޖެހޭ ފީ 200,000 ޑޮލަރަށް އިތުރުވެގެންދެއެވެ.
ނަމަވެސް، މިދިޔަ އަހަރު ޓޫރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ވަނީ ލުއިތަކެއް ދީފައެވެ. މި ބަދަލުގެ ދަށުން، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެއްފަހަރާ ފީ ދައްކައިގެން ދިގު މުއްދަތަކަށް ކުލި އިތުރުކުރުމުގެ ފުރުޞަތު އޮޕަރޭޓަރުންނަށް ވަނީ ފަހިކޮށްދީފައެވެ.
ޤާނޫނަށް ގެނައި އިޞްލާޙަށް އަމަލުކުރަން ފެށި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ ފީތަކަކީ:
- އަޞްލު 50 އަހަރުގެ މުއްދަތަށްވުރެ އިތުރަށް 49 އަހަރު އިތުރުކުރުމަށް 5 މިލިއަން ޑޮލަރު.
- 25 އަހަރު އިތުރުކުރުމަށް 3 މިލިއަން ޑޮލަރު.
މި ފީތަކަކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއެވެ. ނަމަވެސް، އިޞްލާޙަށް އަމަލުކުރަން ފެށި ފުރަތަމަ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމަށްފަހު، 49 އަހަރަށް މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ވަނީ 10 މިލިއަން ޑޮލަރަށް ބޮޑުވެފައެވެ. ފައިނޭންސް މިނިސްޓްރީން ބުނިގޮތުގައި، މި ހުރިހާ ފީތަކަކާއެކު 2025 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.
ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިއަން ޑޮލަރު ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ