ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށަން ފުރަތަމަ އިއުލާންކުރި ތާރީހު ފަހަނައަޅައިދިޔަތާ އަހަރެއް ވީއިރު ވެސް އެ ސިސްޓަމް ޓެސްޓުކުރަމުންދާކަން އެނގިއްޖެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދަދު އަށް ވިދާޅުވީ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމްގެ އެންމެ ފަހުގެ ޓެސްޓިންތައް މިހާރު ކުރިއަށްދާ ކަމަށާއި އެ ސިސްޓަމް ރަސްމީކޮށް ބޭނުންކުރަން ފަށާނީ ޓެސްޓިން މަރުހަލާ އެއްކޮށް ނިމުމުން ކަމަށެވެ.
ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފެށޭނެ ސީދާ ތާރީހެއް އިހުސާން ވިދާޅެއް ނުވެ އެވެ. އިހުސާން ވިދާޅުވީ ޓެސްޓިން މަރުހަލާ މިހާރު ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ އިދާރާތަކާއި ކުންފުނިތައް ބޭނުންކޮށްގެން ކަމަށެވެ.
"ބެސްޓިނެޓުގެ މިހާރު ފޭސް 1 ގެ ބޭރުން މީހުން ރެކްރޫޓު ކުރެވިގެން ރާއްޖޭގެ ބޯޑަރާ ހިސާބަށް އަންނަ ބައި އެމީހުން އައިސް ސްކްރީން ކުރުމާއި އިނީޝިއަލީ ފިންގާޕްރިންޓްސްތައް ނެގުމާއި އެ ހުރިހާ ކަމެއް އެ ބައި މިހާރު، މޮޑެލްތައް ނިމި ޓެސްޓިންވެސް ގާތްގަނޑަކަށް އެ ނިމެނީ،" އިހުސާން ވިދާޅުވި އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް އިހުސާން އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އޭގެ ފަހުންވެސް އެކި ތާރީހުތައް އިހުސާން ދެއްވާފައިވާއިރު، މިހާތަނަށް އެ ސިސްޓަމް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ދޭން ޖެހެ އެވެ.
އިހުސާން ކުރިން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.
މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އިހުސާން އޭރު ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓް އައު އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝުއަރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ.
މިހެން ހުރި ފައިސާތައް އެއްކޮށްލުމުން އެއްބަސްވުން ހިނގާ 15 އަހަރުގެ މުއްދަތުގެ ތެރޭގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެ ވެ އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ފަށަން ބުނިތާ އަހަރެއް ވީއިރު ވެސް ޓެސްޓުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ