ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓެއް ނެރެފި އެވެ.
އެ ފޮތް ސެޓް ނެރެދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެއީ 2021 ގައި ފެށި މަސައްކަތެއް ކަމަށާއި އެ ފޮތް ސެޓުގައި 65 ފޮތް ހިމެނޭ ކަމަށެވެ.
އެގޮތުން އެ ފޮތް ސެޓުގައި ހިމެނެނީ ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ، ޔޫކޭޖީގެ ފޮތެވެ.
"މި މަރުހަލާތަކުގައި ގައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަހުލާގާއި އަރަބި މާއްދާއެއް ވެސް ހިމެނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ފޮތް ސެޓު، ޝަހީމްގެ ބެއްލެވުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕާ މަރިޔަމް ޝަޒްނާ އެވެ. އަދި ގުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި އާބިދާ މިސް ބައިވެރިވިއިރު ބޭބީ ނާސަރީގެ އަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސް އެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ހަދީޖާ އަބްދުﷲ އެވެ.
މި ފޮތްތައް މުރާޖައާ ކުރެއްވީ އިމްތިތާއު އައްބާސް އާއި މުހައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ އެވެ.
މިއަދު ނެރުނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ލިޔެ ނިންމާފައި ވާއިރު މިހާރު ކުރަމުންދަނީ ނެރުމުގެ މަސައްކަތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އެ ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.
އެ ފޮތް ސެޓް ނެރުމުގައި އެހީތެރިވެދެއްވި ޝައިހް މުހައްމަދު ލަތީފްއާއި އިދާރީ ގޮތުން އެންމެ ގާތުން އެހީވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަރު އަލީ އަޝްވާގަށް ޝަހީމް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.
ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ