ސިއްހީ މައްސަލަތައް ހުންނަ ސިވިލް ސާވަންޓުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރަން ހުއްދަ ދެނީ

ސިއްހީ މައްސަލައެއް ނޫނީ ހާއްސަ ހާލަތެއް ދިމާވެގެން ގޭގައި ތިބެގެން މަސައްކަތް ކުަރަން ޖެހިއްޖެ ހާލަތެއްގައި އޮފީހަށް ހާޒިރު ނުވެ މަސައްކަތް ކުރުމުގެ އެ ހުއްދަ ދެވޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު ބަދަލުކޮށްފި އެވެ. 
ސިވިލް ސާވިސް ގަވާއިދަށް ހުސްވި ހަފުތާގެ ތެރޭގައި ގެނައި ބަދަލުތައް ގެނައުމުގެ ކުރިން، މި ގޮތަށް އޮފީހަށް ހާޒިރު ނުވެ މަސައްކަތް ކުރުމުގެ ހުއްދަ ދެވެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނުވަތަ މީހެއްގެ ބެލެނިވެރިންނަަށެވެ.
މިހާރު ގަވާއިދު އޮތް ގޮތުން ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅައިގެން އޮފީހަށް ނައިސް މަސައްކަތް ކުރުމުގެ ފުރުސަތަށް އެދެވެ އެވެ. ރާއްޖޭގައި ނަމަ މި ގޮތަށް ހުށަހަޅާ ލިޔުމެއް ވާން ޖެހެނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ލިޔުމަކަށެވެ. ރާއްޖޭން ބޭރުން ނަމަ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ލިޔުމަކަށް ވާން ޖެހެ އެވެ. 
ސިވިލް ސާވަންޓުން އޮފީހަށް ނައިސް މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ބާރު އޮންނަނީ އެ އިދާރާއެއްގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާއަށެވެ. މިސާލަކަށް މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އެ ހުއްދަ ދެވޭނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަށެވެ. 
އޮފީހަށް ނައިސް މަސައްކަތް ކުރަން ހުއްދަދޭއިރު، އެ މުވައްޒަފު ކުރާ މަސައްކަތަކީ އޮފީހަށް ނައިސް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސަައްކަތެއްތޯ ބަލަން ޖެހެ އެވެ. އަދި، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ނުވަތަ ޓާސްކުތައް ބޭނުންވާ ވަސީލަތްތަކާއި، އެކަށީގެންވާ މާހައުލެއް އޮއްތޯ ވެސް ކަށަވަރުކުރަން ޖެހެ އެވެ. 
އޭގެ އިތުރުން، އެ މުވައްޒަފު އޮފީހަށް ނައިސް މަސައްކަތް ކުރިޔަސް އިދާރާއިން ދޭ އެއްވެސް ހިދުތަކަށް ހުރަސް ނޭޅޭނެކަން ކަށަވަރުކޮށް، ހަވާލުކުރޭ މަސައްކަތްތައް ނިންމާ މިންވަރު ސުޕަވައިޒްކޮށް، މޮނިޓާކޮށް ބަލަހައްޓަން ޖެހެ އެވެ. އަދި، ހުއްދަ ދިނުމުގެ ކުރިން މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފަހައްޓަން އިގުރާރުވެ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ޖެހެ އެވެ. 
އޮފީހަށް ނައިސް މަސައްކަތް ކުރަން ހުއްދަ ދިން ނަމަވެސް، އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އަންގައިފި ނަމަ ހާޒިރުވާން ޖެހެ އެވެ. އެ
ސިވިލް ސާވިސް ކޮމިޝަނުން ވަނީ މި ހެން ހުއްދަ ދީފައި ތިބޭ މުވައްޒަފުންނަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭ ނަމަ އެ ހުއްދަ ނިމުމަކަށް ގެނައުމުމުގެ ބާރު ގަވާއިދުގެ ތެރެއިން ފަހިކޮށްދީފަ އެވެ. އަދި، ސިއްހީ ހާލަތެއް މެދުވެރިވިޔަސް ބައެއް ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ހުއްދަ ދިނުން އެ ކޮމިޝަނުން ވަނީ މަނާކޮށްެފަ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ނަރުހުންނާއި މެނޭޖުމަންޓު ލެވަލްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ