ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް މޯލްޑިވްސް 2.0އަށް ދަތުރުކުރަމުންދާއިރު، އެކި ދާއިރާތަކުން ހިންގުން ޑިޖިޓަލައިޒްކުރުމުގެ އިތުރުން، ޑިޖިޓަލް ނިޒާމަށް އޮތް ރައްކާތެރިކަން އިތުރުކޮށްދިނުމަކީ ސަރުކާރުގެ ވިސްނުމެވެ. ޑިޖިޓަލް ދުނިޔޭގައި އެހެނިހެން ޤައުމުތަކާއި ފައިހަމަކޮށް، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތުގެ ވިއުގައެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް، ޑިޖިޓަލް ވިލުންތެރިކަން އިތުރުކުރުމަށް ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަކުރުމަކީ އެ ނިޒާމަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
"ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ މުހިންމު އެއް ތަނބަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ފެންވަރު މަތިކުރުން ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ސައިބަރ ސްޕޭސްއަކީ ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތައް އަންނައިރު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ނެޓްވަރކް ސްޕޭސްއަކަށް ހެދުމަކީ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި މަސައްކަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެފަރާތްތަކަށް ރާއްޖޭގެ ނޭޝަނަލް ލެވެލްގައި ދޭންޖެހޭ ސައިބަރ ސެކިއުރިޓީ ސަރވިސްތަކާއި އަދި އެ ފަރާތްތަކަށް އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި ސައިބަރ ސައިޑުން ދޭންޖެހޭ އެހީތެރިކަން ދޭން މިހާރު މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅިފައިވާ އިދާރާތަކުން ވަނީ ތައްޔާރުވެފައި،" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ރިޓަޔަރޑް ލެފްޓިނެންޓް ކަރނަލް، އިބްރާހީމް ލަޠީފްވެސް ވަނީ މޯލްޑިވްސް 2.0 އަށް ދަތުރުކުރާއިރު ސައިބަރ ސެކިއުރިޓީއަކީ މުހިންމު އިސްތިރާޖީ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. މިއަދު ސައިބަރ ސެކިއުރިޓީ އަކީ ހަމައެކަނި ޑިޖިޓަލް މައްސަލައެއްގެ ގޮތުގައި ބެލެން ނެތްކަމަށާއި، އެއަށް ވުރެ ބޮޑަށް ގައުމުތަކުގެ ހިންގުމުގެ ނިޒާމް ޑިޖިިޓަލައިޒްވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލް އޮފް ސައިންސް އެޑިތު ކޮވަން ޔުނިވަރސިޓީގެ، ސީނިއާ ލެކްޗަރަރ، ޑރ.އަޙްމަދު އިބްރާހިމް ވަނީ ރަނގަޅު ސައިބަރ ސެކިއުރިޓީގެ ނިޒާމެއް ޤާއިމްކުރުމަށްޓަކާ ޤާނޫނީ ބާރުވެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޑރ.އަޙްމަދު އިބްރާހިމް ވިދާޅުވީ ސައިބަރ ސެކިއުރިޓީ އާއި ގުޅުން ހުރި އިދާރާތަކަށް ލިބޭ ޤާނޫނީ ބާރުވެރިކަމަކީ އެ ދާއިރާގެ ވިލުންތެރިކަމަށް ކޮންމެހެން މުހިންމުކަމެއް ކަމަށެވެ. އަދި ދުނިޔެ ޑިޖިޓަލްވަމުންދާއިރު ރައްޔިތުންގެ މައުލޫމާތު ރައްކާތެރިކޮށްދިނުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޑރ.އަޙްމަދު އިބްރާހީމް ވިދާޅުވީ، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ޤާނޫނީ ބާރުވެރިކަން ލިބިގެން ނޫނީ އެ ދާއިރާގެ މަސައްކަތްތައް އެންމެ ރަނގަޅަށް ތަރުތީބު ނުކުރެވޭނެކަމަށެވެ. މިވަގުތު ސައިބަރ ސެކިއުރިޓީގެ ބިލުގެ އިތުރުން ޑިޖިޓަލް އައިޑެންޓިޓީގެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާއިރު މިއީ މިފަދަ ބިލުތަކެއް ގެނައުމަށް އެންމެ މުނާސަބު ވަގުތުކަމަށް ޑރ.އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ. ޑރ.އަޙްމަދު އިތުރަށް ވިދާޅުވީ ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ފަރުދުންނާއި އިދާރާތައް ތަމްރީންކުރުމުގެ އެންމެ ފުރިހަމަ ފައިދާ ލިބޭނީ، އިދާރާތަކަށް ބޭނުންވާ ފުރިހަމަ ޤާނޫނީ ބާރާއި ފުރުސަތުތައް ހޯދާދެވިގެން ކަމަށެވެ. ސައިބަރ ސެކިއުރިޓީގެ ދާއިރާއަކީ އަބަދުވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ދާއިރާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުވެސް މި ދާއިރާގައި ގިނަފަރާތްތަކާ އެކު މަސައްކަތްކުރުމާއި އެކު ފާހަގަކޮށްލަން ބޭނުން، މި ދާއިރާގެ އެންމެ ފުރިހަމަ ކުރިއެރުން ލިބޭނީ ހަގީގަތުގައި އިދާރާތަކަށް ޤާނޫނީ ބާރުވެރިކަން ލިބިގެން." ޑރ.އަހުމަދު އިބްރާހީމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ، ސައިބަރ ސެކިއުރިޓީގެ ބިލުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ޔަޤީންކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި ލައިސަންސް ނެތި ޚިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް ޤާއިމްކޮށް ހިންގުމާއި ގުޅުން ހުރި ގިނަ ތަފްސީލްތަކާއެކު "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" މަޖިލީހަށް ހުށަހަޅާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙްމާންއެވެ. ޑިޖިޓަލް އައިޑެންޓިޓީގެ ބިލުން ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެ ނޫން ވެސް ފަރާތްތަކާއެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި، ޚިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުން ކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ.
ސައިބަރ ސެކިއުރިޓީގެ ދާއިރާއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން އެ ދާއިރާ ވަރުގަދަކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތައް އެކުލަވާލުމުގެ އިތުރުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެ ދާއިރާގެ ތަމްރީންތައް ކުރިއަށް އެބަގެންދެއެވެ.
ޤާނޫނީ ބާރުވެރިކަމަކީ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ހުޅުވޭ ދޮރެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ