ޖޫން މަހުގެ ފަތުރުވެރިން އައި އަދަދު ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށަށް ހިނގައްޖެ

މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށަށް ގޮސްފިއެވެ.
މިއީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ހީނަރުކަން ދައްކުވައިދޭކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް 30،000 ފަތުރުވެރިންނެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މި މުއްދަތުގައި 40،000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ ގާތްގަނޑަކަށް 26 އިންސައްތައިގެ ދަށްވުމެކެވެ.
ފަތުރުވެރިން އަންނަ މިންވަރު ދަށަށްދާން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުން ފެށިގެންނެވެ. އެގޮތުން އޭޕްރީލް މަހު ފަތުރުވެރިން އައި އަދަދު 24 އިންސައްތަ ދަށަށް ދިޔައިރު، މެއި މަހު ވަނީ ދެ އިންސައްތައިގެ ކުޑަ ދަށްވުމެއް ރެކޯޑުކުރެވިފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 970,000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއަހަރުގެ ޖުމްލަ އަދަދު މިވަނީ މިދިޔަ އަހަރަށްވުރެ ފަސް އިންސައްތަ ދަށަށް ގޮސްފައެވެ.
މާޗު މަހުން ފެށިގެން މި ދަށްވުން އަންނަން ފެށީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ އެކި މާކެޓްތަކުގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލުތަކުގެ ސަބަބުންނެވެ.
މި ހީނަރުކަމުގެ ތެރޭގައިވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 150,000 އެއްހައި ފަތުރުވެރިން އައިސްފައިވާއިރު، 130,000 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތީ ރަޝިޔާއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދާ ދަށްވުމާއެކު، އެ އަމާޒަށް ވާސިލްވުމަށް ކުރިއަށް އޮތް މަސްތަކުގައި ބޮޑު ކުރިއެރުމެއް ހޯދަން ޖެހެއެވެ. 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި، ފަތުރުވެރިކަން އެންމެ ވަރުގަދަވި އެއް އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ