ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ވނީ ފަށައިގަނެވިފަ: ވަޒީރު އިޙްސާން

ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އިޞްލާޙުކޮށް، އެކަށީގެންވާ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ’ވަން ޕްރިޒަން ކޮންސެޕްޓް’ގެ މަސައްކަތް ފަށައިގަނެވިފައިވާ ކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަމާއި، އިންފްރާސްޓްރަކްޗަރގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ފިޔަވަޅެކެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗަރގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
’ވަން ޕްރިޒަން ކޮންސެޕްޓް’ގެ ދަށުން ޖަލުތަކުގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ޤައިދީން ބެލެހެއްޓުމުގައާއި، އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެވޭ އިސްކަމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ޤައިދީއެއްގެ ޖަލު ޙުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިއީ ޤައިދީން އިޞްލާޙުވުމަށް ހިތްވަރުދީ، އެމީހުން އަވަހަށް މުޖުތަމަޢަށް ނުކުމެ ބޭނުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ޖަލުގައި ތިބޭ މީހުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ތަޢުލީމީ ގޮތުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަލަށް ތަޢާރަފްކުރި “ސެޓްފިކެޓް 1 އިން ޤިރާތު” ކޯހަކީ މީގެ ރަނގަޅު މިސާލެކެވެ. މި ކޯހުގެ ދެ ބެޗެއްގައި 67 ޤައިދީން ބައިވެރިވެފައިވާއިރު، މިއީ އެހެން އެއްވެސް އިދާރާއެއްގެ އެހީތެރިކަމާ ނުލައި އައިކޯސްޓުން ހިންގާ ފުރަތަމަ ކޯހެވެ. މީގެ އިތުރުން އިތުރު ތަމްރީނު ކޯސްތަކެއް ވެސް މިހާރު ވަނީ އިފްތިތާޙު ކުރެވިފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއެޅުއްވީ ޖަލުން ނުކުންނަ މީހަކީ މުޖުތަމަޢު ބަލައިގަންނަ، އަމިއްލަ ފައިމައްޗަށް ތެދުވެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މީހަކަށް ހެދުމަށެވެ. ޖަލުގެ މަޤްޞަދަކީ ހަމައެކަނި މީހުން ބަންދުކޮށްފައި ބޭތިއްބުން ނޫން ކަމަށާއި، އެއީ އެމީހުންގެ އުޅުމާއި އަޚްލާޤަށް ހެޔޮ ބަދަލެއް ގެނެސްދޭ ތަނަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، ޖަލުން ނުކުންނަ ކޮންމެ މީހަކީ އަނބުރާ ކުށުގެ މާޙައުލަށް ނުދާނެ ފަދަ ވަރުގަދަ އަޒުމެއްގައި ހުރި މީހަކަށް ވުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ