މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު، އަނގަބަހުން ކުރައްވާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް ވިދާޅުވަމުން ގެންދަވާތީ، ލިޔެކިޔުމުން ނޫނީ މޭޔަރާ ދެން މުއާމަލާތައް ނުކުރައްވަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމަވައިފި އެވެ.
އެގޮތަށް ނިންމަވާފައިވާ ކަމަށް މުއްތަލިބް ވިދާޅުވީ އާޒިމަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި މުއްތަލިބް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އާޒިމްްއާ އަނގަބަހުން ކުރައްވާފައިވާ މުއާމާލަތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
މާލޭގެ ތަރައްގީ އާއި އާންމުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މިހާތަނަށް މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމަށް އާޒިމްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
"... އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށް ވާނީ 'މީޑިއާ ސްޓަންޓް' ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ،" މުއްތަލިބްގެ ސިޓީގައި ވިދާޅުވި އެވެ.
މޭޔަރާއި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ކަންކަން މިނިސްޓްރީއަށް ލިޔުމުން ފޮނުވުމަށް މުއްތަލިބް ވަނީ އެދިވަޑައިގެންފަ އެވެ.
މާލޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ހިޔާލައި މަޝްވަރާ ހުށަހެޅުމަށާއި އާންމުންގެ ހުރި ބައެެއް ކަންބޮޑުވުންތައް ހިއްސާކުރައްވަން މުއްތަލިބާ ބައްދަލުކުރައްވަން އުޅުއްވާތާ ދެ އަހަރުވީ އިރު ވެސް އެކަން ނުވެފައި ވާތީ ކަމަށް ބުނެ، އާޒިމް އާއި މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުން ހައުސިން މިނިސްޓްރީގެ އިދާރާ ހިންގާ ދަރުބާރުގެއަށް މިދިޔަ ބުދަ ދުވަހު ވަޑައިގަތެވެ.
ބިޒީކޮށް އުޅުއްވާތީ އެ ދުވަހު މުއްތަލިބާ ބައްދަލުކުރެއްވޭ ގޮތެއް ނުވުމުން މި ހަފުތާގައި މިނިސްޓަރާ އެކު ބައްދަލުވުމެއް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.
މުއްތަލިބަކީ "ވަރަށް ބޮޑަށް ފިލައިގެން އުޅުއްވާ މިނިސްޓަރެއް" ކަމަށް ވިދާޅުވެ އާޒިމް ވަނީ އެ ބައްދަލުވުން ހަމަޖެހެން ދެން ކޮންމެ ހަފުތާއަކު ކައުންސިލަރުން މިނިސްޓްރީއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި، މުއްތަލިބާ މިވަގުތު ބައްދަލުކުރައްވައި މަަޝްވަރާ ކުރައްވަން ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި މި ސަރުކާރުން ހިންގަން އުޅޭ ހައުސިން މަޝްރޫއާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކެވެ. އެ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާލަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
އޭގެ އިތުރުން، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި އާ މަސްމާރުކޭޓުގެ މަޝްރޫއު ކަހަލަ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން، މުއްތަލިބްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މޭޔަރު އާޒިމް "މީޑިއާ ސްޓަންޓް" ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ