މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ބޮޑުކޮށްފި

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ބޮޑުކޮށްފިއެވެ. މިއަދު 'ސަން'އިން ސުވާލުކުރުމުން އެ ކުންފުނިން ބުނީ، 22ކިލޯއާއި 45 ކިލޯގެ ގޭސް ފުޅިއެއް ރީފިލްކޮށްދޭ އަގު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން، ކުރިން 1،170 ރުފިޔާއަށް ރީފިލްކުރެވޭ 45 ކިލޯގެ ގޭސް ފުޅިއެއް މޯލްޑިވް ގޭސްއިން މިހާރު ރީފިލްކޮށްދެނީ، 1،345.50 ރުފިޔާއަށެވެ. އަދި، މިހާރު 22 ކިލޯގެ ގޭސް ފުޅިއެއް އެ ކުންފުނިން ރީފިލްކޮށްދެނީ، 500 ރުފިޔާއަށެވެ. މޯލްޑިވްސް ގޭސް: މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ވަނީ ބޮޑުކޮށްފައި -- ސަންފޮޓޯ/ ނާއިލް ހުސައިން ކުރިން އެ ވަރުގެ ފުޅިއަކަށް ގޭސް އަޅައިދެނީ 400 ރުފިޔާއަށް ކަމަށްވާއިރު، އެ ވަރުގެ ގޭސް ފުޅިއެއް ވިއްކަނީ 500 ރުފިޔާއަށެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން މި ބަދަލުތައް ގެނައި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު މޯލްޑިވް ގޭސްއިން، ވަނީ ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން, މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅި ވެސް ވިއްކައިފައެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލު ކޮށްފައެވެ. ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާތައް އެ ދުވަސްވަރު ފެންމަތިވި ވެސް ވިއެވެ. އެ މައްސަލަ ހައްލުކޮށް، މޯލްޑިވް ގޭހާއި ވިލާއިން އާންމު މިންވަރަށް ގޭސް ވިއްކަން ފެށުނީ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. https://sun.mv/217706 މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު "ގެއްލުނު" މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ. ފަހުން އެ މައްސަލައަށް ވީ ގޮތެއް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ